ދުނިޔެ

ލަންކާ ހަމަލާތަކަކީ ނިއުޒީލެންޑު މިސްކިތް ހަމާލާތަކުގެ ބަދަލުހިފުމެއް

Apr 23, 2019
1

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަކީ، މިދިޔަ މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗަޗުގައި ހުރި ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި 50 މީހުން މަރުވެފައިވާއިރު، އެއީ ފަހުގެ ތާރީހެއްގައި ނިއުޒީލެންޑުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.

އެ ހަމަލާއާ ގުޅިގެން، އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް ވަނީ ހައްޔަރުކޮށްފަ އެވެ. ބްރެންޓަންއަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 310 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހަމަލާތަކާއި ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުން، "ނެޝަނަލް ތައުހީދު ޖަމާއަތު" އިން އެ ހަމަލާތައް ދީފައިވަނީ ނިއުޒީލެންޑުގެ މިސްކިތް ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަން ހާމަވެފައިވާކަމަށް ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ދީނީ ހަރުކަށި ފިކުރުގެ "ޖޭއެމްއައި" ނަމަކަށް ކިޔާ ޖަމާއަތަކާއި ގުޅުމެއްވާކަމަށް ވިޖޭވަރުދަނަ ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

މާބޮޑު ތަފްސީލެއް ނުދެއްވި ނަަމަވެސް، "ޖަމާއަތުލް މުޖާހިދީން އިންޑިއާ" ނުވަތަ ޖޭއެމްއައި އަކީ ބަންގްލަދޭޝްގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތަކާއި ގުޅުން އޮންނަ ބައެކެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކާއެކު، ދުނިޔޭގެ ޓެރަރިސްޓް ނެޓްވާކުތަކުން ދީނުގެ ނަމުގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ލަންކާ ވެސް ވެއްޓިފައިވާކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފަ އެވެ.

"މިއީ ކރުިން މިގައުމުގައި ކުރިމަތިވި ހާލަތެއް ނޫން،" ރަނިލް ވިދާޅުވި އެވެ.

އެ ހަމަލާތަކާއި ގުޅިގެން، ރޭ ދަންވަރު 12.00 އިން ފެށިގެން ސަރުކާރުން ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.

އެގޮތުން ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ރައީސް ސިރިސޭނަ ވަނީ ދެއްވައިފަ އެވެ.

އެންމެ ފުރަތަމަ ބޮން ގޮއްވާލާފައި ވަނީ ލަންކާ ގަޑިން ހެނދުނު 8.45 ހާއިރު އެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު ފަސް ބޮމެއް ވަނީ ގޮއްވާލައިފަ އެވެ. ބޮމުގެ ހަމަލާތައް ދީފައިވަނީ، ނިގޮމްބޯ، ބެޓިކަލޯ އަދި ކޮއްޗިކަޑޭގައި ހުންނަ ތިން ކްރިސްޓިއަން ފައްޅިއެއްގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ޝަންގްރިލާ، ކިންގްސްބަރީގެ އިތުރުން ސިނަމަން ގްރޭންޑް ހޮޓަލަށެވެ.

އޭގެ ފަހުން، ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގެ އިތުރުން، ދެމަޓަގޮޑާގައި ވެސް ވަނީ ބޮން ގޮއްވައިފަ އެވެ. ގައުމުގެ މައި އެއާޕޯޓް ކައިރިން ވެސް ބޮމެއް ފެނިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ބޮން ޑިފިއުޒްކޮށްފަ އެވެ.