ހަބަރު

ތަޅާލަން ހުރަވީ ބިލްޑިން ހުސްކުރަނީ

ސަރުކާރުގެ އޮފީސްތައް ހުންނަށް އިމާރާތެއް ކަމަށްވާ ހުރަވީ ބިލްޑިން ވަރަށް ބޮޑަށް ބާވެފައި ހުރުމުން، އެ އިމާރާތް ހުސްކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑއާ އޮފިޝަލަކުވ އަވަސް އަށް މިއަދު ވިދާޅުވީ، އެ އިމާރާތުގައި މިހާރު ހިންގާ ދައުލަތުގެ އޮފީސްތައް ބަދަލު ކުރާނެ ޖާގަ ހޯދަމުން ގެންދާ ކަމަށެވެ. އެ އޮފީސްތައް ބަދަލުކުރާނެ ޖާގަ ލިބުމުން ހުރަވީ ބިލްޑިންގުގެ އިމާރަތް ހުސް ކުރުމަށްފަހު ތަޅާލަން ނިންމާފައިވާ ކަމަށެވެ.

ހުރަވީ ބިލްޑިންގައި ހިންގާ ސަރުކާރުގެ ބައެއް އޮފީސްތަކަކީ ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި އިމިގްރޭޝަންގެ ބަޔަކާއި އަދި މާލޭ ސީޓީ ކައުންސިލްގެ ބައެއް ޑިޕާޓްމަންޓްތަކެވެ.

އޭނާ ވިދާޅުވީ، ހުރަވީ ބިލްޑިން ހުސް ކުރަން ނިންމި މައިގަނޑު ސަބަބަކީ އެ އިމާރާތަށް ގިނަ ދުވަސްވެ ބާވެފައި ވުމުން މީހަކަށް އަނިޔާ ވެދާނެތީ ކަމަށެވެ.

މިދިޔަ ހަފުތާގައި ހުރަވީ ބިލްޑިންގެ ބެލްކަނިން ބައެއް ވެއްޓި އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަކަށް ގެއްލުންވެފައި ވެސް ވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް ވަނީ ހުރަވީ ބިލްޑިންގައި ހިންގާ އޮފީސްތަށް އެހެން ތަނަކަަށް ބަދަލުކޮށް އެއިމާރާތް ހުސްކުރުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް ނެތުމުން އޭރު އެކަން ކާމިޔާބު ނުވީ އެވެ. ހުރަވީ ބިލްޑިންގަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު އެޅި އޮފީސް އިމާރާތެކެވެ.