ހަބަރު

އިނާޔަތް ދިނުމަކީ އެންމެ ރަނގަޅު ކަމެއް: އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ މެންބަރުންނަށް އިނާޔަތްތައް ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދުު ވިދާޅުވެއްޖެ އެވެ.

މިއަދު ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު ފުރިހަމަ ކުރައްވާ މެންބަރުންނަށް އިނާޔަތް ދިނުމަކީ އޭނާ އަބަދުވެސް ތާއިދު ކުރެއްވި ކަމެއް ކަމަށެވެ. އަދި އިތުރު އިނާޔަތްތައް ދިނުމަކީ ވެސް ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން ވޯޓު ދީގެން ހޮވޭ މެންބަރުންތަކެއް ކަމާއި ރައީސް އާއި ނައިބު ރައީސުންނަށް އިނާޔަތް ލިބޭ އުސޫލުން މެންބަރުންނަށް ވެސް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިނާޔަތް ނުދޭން ނިންމިޔަސް އެއީ އޭނާ ދެކޮޅު ހައްދަވާނެ ކަމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ލިބޭ ގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ވަނީ ބިލެއް ހުށަހަޅާފަ އެވެ. އެ ބިލަށް ވޯޓު ދޭނެ ގޮތެއް އަދި ޕީޕީއެމްއިން ނުނިންމާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ޕާޓީގެ މެންބަރު އިބްރާހިމް ފަލާހު ވަނީ އެ ބިލަށް ދެކޮޅު ހައްދަވާފަ އެވެ. އެމްޑީޕީ މެންބަރުން ބިލާ ދެކޮޅެވެ.

އަބްދުއްރަހީމް ވިދާޅުވީ މެންބަރުންނަށް އިނާޔަތް ދިނުމަށް އެމްޑީޕީއިން ދެކޮޅު ހަދާއިރު، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑެތި އިނާޔަތްތައް ލިބެމުންދާ ކަމަށެވެ. އެ އިނާޔަތްތައް ކަނޑާލުމުގެ ވާހަކަ އެ ޕާޓީއިން ނުވެސް ދައްކާ ކަމަށެވެ.

ކަން ހިނގާ އުސޫލަކީ ބޭރުގައި ތިބޭއިރު ވަރަށް ގިނަ ވާހަކަ ދައްކާނެ ކަމަށާއި ނަމަވެސް އެތެރެއަށް ވަދެވުމުން ކޮންމެ ބަޔަކު ވެސް ބަލާނީ އެބަޔަކަށް ހޯދުނު އެއްޗެއް ހޯދޭތޯ ކަމަށް ވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.

އަންނަ މަޖިލީހުގެ ގޮނޑި އަބްދުއްރަހީމަށް ވެސް ކާމިޔާބެއް ނުކުރެވުނެވެ. އެހެންކަމުން މަޖިލީހުގެ މި ދައުރު ނިމޭއިރު އޭނާ ވެސް ވެގެން ދަނީ ކުރީގެ މެންބަރަކަށެވެ.

މެންބަރުންގެ އިމްތިޔާޒުގެ ގާނޫނަށް މެންބަރު ލަތީފު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސް ފަރުވާ ލިބެންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރާށެވެ. ގާނޫނު މިހާރު އޮތްގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖެހެނީ މެންބަރުންނަށް އެކަނި ކަމަށްވާއިރު އާއިލާގެ ބޭފުޅުންނަށް ބޭސްފަރުވާ ހަމަޖެހޭނެ އުސޫލެއް މިހާރު ނޯންނަ ކަމަށެވެ.

އެ އިސްލާހުގަައި މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ވެސް އިނާޔަތެއް ލިބިދޭންޖެހޭ ކަމަށް ހިމަނާފައިވެ އެވެ. އެގޮތުން މަޖިލީހުގެ ރައީސްކަމާއި ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް އިމްތިޔާޒުގެ ގާނޫނު އިސްލާހު ކުރުމަށް އެ ބިލްގައި ހުށަހަޅައިފައިވާއިރު މެންބަރުކަމުން ވަކިވެވަޑައިގަންނަވާ ދުވަހުން ފެށިގެން އިނާޔަތް ލިބޭނެ ގޮތް ހަަމަޖައްސަން ވެސް ލަތީފްގެ އިސްލާހުގައި ބުނެ އެވެ.