ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ގްރެޖުއޭޓް އިންޓާންޝިޕް ދެވަނަ ބުރު ފަށައިފި

Apr 24, 2019

ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ފެށި ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރު ފަށައިފި އެވެ.

ރޭ ޗަމްޕާ ސެންޓްރަލްގައި ބޭއްވި ހަފްލާއެއްގައި ފުރަތަމަ ބުރު ފުރިހަމަ ކުރި 14 ބައިވެރިއަކަށް ހަނދާނީ ލިޔުން ދިނެވެ. އަދި ދެވަނަ ބުރަށް ހޮވުނު 15 ބައިވެރިއަކަށްް އެޕޮއިންޓްމަންޓް ލެޓާ ދިނެވެ. ހަނދާނީ ލިޔުން ދެއްވީ ބޭންކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އައިޝަތު ނޫރައްދީނެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އައިޝަތު ނޫރައްދީން ވިދާޅުވީ އިންޓާންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ ފަހި ފުރުސަތު މިވަނީ ހުޅުވާލެވިފައި." އޭނާ ވިދާޅުވި އެވެ.

މިއީ "ބީއެމްއެލް ޕްރޮސްޕެކްޓް" ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، އެއް އަހަރަށް ހިންގާ ޕްރޮގްރާމެކެވެ. މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެ އެވެ.

މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ބީއެމްއެލް އިން ދެ އަހަރު ވަނީ ހޯދާފަ އެވެ.