ހަބަރު

ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެކޯޓަށް މިއަދު ހާޒިރުވާން އަންގައިފި އެވެ.

އޭނާ ވަނީ ސުޕްރީމް ކޯޓުން ފޮނުވާފައިވާ އަމުރު ޓްވީޓް ކުރައްވާފަ އެވެ. އެއަމުރުގައި ވަނީ މިއަދު މެންދުރު 1:15 އަށް އެ ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. އަމުރާއެކު ޓްވީޓް ކުރައްވައި އޭނާ ވިދާޅުވީ، ގަޑިއަށް ދާނެ ކަމަށެވެ. އަދި ޖުޑީޝަރީ އިސްލާހު ކުރަން ކުރާ މަސައްކަތް ނުހުއްޓާނެ ކަމަށެވެ.

ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ފާޑުވިދާޅުވެ، އެ ފަސް ފަނޑިޔާރުން ވެސް ވަކި ކުރަން ޖެހޭ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައި ވެއެވެ.

އެކަމާ ގުޅިގެން އިއްޔެ ސުޕްރީމް ކޯޓުން ބުނީ ސުއޫދު ދެއްކެވި އެ ވާހަކަތަކާ ގުޅިގެން ކޯޓު ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

ސުއޫދަކީ ސުޕްރީމް ކޯޓުން އެންމެ ގިނައިން ސަސްޕެންޑް ކުރާ އެއް ވަކީލެވެ. މީގެކުރިން ވެސް އެކި ފަހަރު މަތިން އޭނާ ސަސްޕެންޑްކޮށްފައިވެ އެވެ. ސުއޫދަކީ ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިސްލާހު ކުރުމުގެ ވާހަކަ ގިނައިން ދައްކަވާ ބޭފުޅެކެވެ.

ސުއޫދު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ދަށު ކޯޓުތަކުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރެއް ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ. އެއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.