އެފްއޭއެމް

ގޯލްކީޕަރުންގެ އެކެޑެމީ ހިންގަން އަސްލަމް ހަވާލުވެއްޖެ

ގޯލްކީޕަރުން އުފަންދަން ހުޅުވާ އެކެޑެމީ ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު، ގައުމީ ޓީމުގެ ގޯލްކީޕަރު ޓެރެއިނަރު އަސްލަމް އަބްދު ރަހީމް އާ ހަވާލުކޮށް އެފްއޭއެމުން އޭނާ އާ އެކު އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެފްއޭއެމުން ފަށާފައިވާ "ޓްވޯޑްސް ފިއުޗާ' ޕްރޮގްރާމްގެ ދަށުން ތަމްރީން ކުރާ ގޯލްކީޕަރުންގެ ތަމްރީން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނި އަސްލަމްގެ ބެލުމުގެ ދަށުން ކަމަށެވެ. ގޯލްކީޕަރުން ތަމްރީން ކުރާ ޓެރެއިނަރުން ބިނާ ކުރުމުގެ މަސައްކަތްވެސް އެ އެކެޑެމީން ކުރިއަށް ގެންދާނެ ކަމަށެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އިހްސާން އަބްދުލް ގަނީ 'ސާންތީ' ބުނީ ހަތް އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެ އެުމުރުފުރާގެ ކުދިންގެ ތެރެއިން ގޯލްކީޕަރުންނަށް ވާން ބޭނުންވާ ކުދިންނަށް އެފްއޭއެމުން ފޯމް ލިބޭނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ ކުލަބުތަކުގެ ކުޅޭ ކީޕަރުންނާއި އެފްއޭއެމުން ރާވާ އެކި އުމުރު ފުރާތަކުގެ މުބާރާތްތަކުގައި ކުޅޭ ކީޕަރުން ފެންވަރު ވަޒަން ކުރުމުގެ މަސައްކަތްވެސް އެކެޑެމީ ކުރިއަށް ގެންދާނެ ކަމަށެވެ.

އަސްލަމް އަކީ ކުލަބު އީގަލްސްގެވެސް ގޯލްކީޕަރު ޓްރެއިނަރުކަން މިދިޔަ ސީޒަނާ ހަމައަށް އަދާކޮށްފައިވާ ތަޖުރިބާކާރެކެވެ. މިއަދު އޭނާއަށް ހަވާލު ކުރި މަސްއޫލިއްޔަތާއެކު އެއްވެސް ކުލަބަކުން އޭނާ ނުފެންނާނެ އެވެ. އެފްއޭއެމުން ބުނީ، ގޯލްކީޕަރުންގެ އެކެޑެމީގައި މަސައްކަތް ކުރި ނަމަވެސް ސީނިއާ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރުގެ މަސައްކަތްވެސް އަސްލަމް ކުރާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ ގޯލްކީޕަރުންގެ އެކެޑެމީން އެންމެ އަވަހަށް ފަށާނެ މަސައްކަތީ ގޯލްކީޕަރު ޓްރެއިނަރުން ތަމްރީން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އަސްލަމް އާ އެކު އެކެޑެމީގައި މަސައްކަތް ކުރާނެ އިތުރު ޓްރެއިނަރުން ކުރިއަށް ތަނުގައި އެކެޑެމީއާ ގުޅިގެން ދާނެ ކަމަށެވެ.

އަސްލަމް ބުނީ، ރަނގަޅު އެޑިއުކޭޝަން ފޯރުކޮށް ދެވިއްޖެނަމަ، ގޯލްކީޕަރުންނަށް ވާން ބޭނުންވާ ކުދިން އިތުރު ކުރެވޭނެ ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތު ގައި ވަނީ، ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އިސްމާއީލް އާސިފް 'ކުޑަހީނާ" އާއެކު ބޮޑު ޓާގެޓަކަށް ވާސިލުވުމަށް މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ މިހާރު އޮތް 13 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ދެ އަހަރުގެ ޓާގެޓަކަށް ވާސިލުވުމެވެ. ދެ އަހަރު ފަހުން ބާއްވާ އޭޝިއާގެ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ރާއްޖެ ކޮލިފައި ކޮށްދިނުން އެއީ އޭނާގެ ޓާގެޓެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

އެ މަސައްކަތް ކުރިއަށް ދާނީ އޭނާގެ ބެލުމުގެ ދަށުން 60 ކުޅުންތެރިން ދެ ޕޫލަކަށް ބާލަހައިގެންނެވެ. އަދި ޕޫލަށް ބޭނުންވާ ކުޅުންތެރިން ހޯދުމަށް ކުޑަހީނާ ރަށްރަށަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެ އެވެ.