ރާއްޖޭގެ ފުޓްބޯޅައިގައި އުންމީދީ އަމާޒަކަށް ވާސިލުވުމުގެ ތަސައްވަރާއެކު، ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އިސްމާއީލް އާސިފް 'ކުޑަހީނާ' އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަން ފަށައިފި އެވެ.
ދެ އަހަރު ދުވަހުގެ އަމާޒަކާއެކު، ކުޑަހީނާ ހަވާލު ވާނީ 13 އަހަރުން ދަށުގެ ގައުމީ ޓީމު އެކުލަވާލައި ތަމްރީން ކުރުމުގެ މަސައްކަތުގަ އެވެ. އޭނާއަށް އޮތް ޓާގެޓަކީ 2021 ވަނަ އަހަރު ބާއްވާ އޭޝިއާގެ 16 ޗެމްޕިއަންޝިޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ.
ކުޑަހީނާ އާ ހަވާލު ކުރާ މަސައްކަތް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފާހަގަ ކުރެއްވީ "ވަރަށް ހާއްސަ ޕްރޮޖެކްޓެއް" ގޮތުގަ އެވެ. ބައްސާމް ވިދާޅުވީ އެ މަސައްކަތް ކުޑަ ހީނާ ކުރާނީ 60 ކުޅުންތެރިން ދެ ޕޫލަކަށް ބާހާލައިގެން ކަމަށެވެ.
"ދެ އަހަރު ދުވަހުގެ ޓާގެޓަކަށް އަޅުގަނޑުމެން ވިސްނައިގެން ފަށާ މަސައްކަތެއް،" ކުޑަހީނާގެ މަސްއޫލިއްޔަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މިހާރު މިއޮތް އަންޑާ ތާޓީން އޭޖު ގުރޫޕްގެ ކުދިން ދެ ޕޫލަކަށް ބާހަލައިގެން ޖުމުލަ 60 ށް ކުދިން ގޮވައިގެން ދެ އަހަރު ތެރޭ އޭއެފްސީގެ އަންޑަ ސިކްސްޓީން ޓޯނަމަންޓަށް ކޮލިފައިވުމުގެ މަސައްކަތް ފަށައިގަތުމަށް."
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ 'ސާންތީ' ބުނީ، ނިމިދިޔަ އިންޓަ ސްކޫލް މުބާރާތުގެ 13 އަހަރުންދަށުގެ އުމުރުފުރައިން ފާހަގަ ކުރެވުނު 33 ކުޅުންތެރިން ޕޫލްގައި ހިމެނޭނެ ކަމަށެވެ. އަދި އިތުރު ކުޅުންތެރިން ހޯދުމަށް ކުޑަހީނާ ރަށްރަށަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް ސާންތީ ބުންޏެވެ.
"ކުޑަހީނާގެ ބެލުމުގެ ދަށުން މާލޭގައި މިހިރަ އެކެޑެމީތަކާއި ކައިރި އަތޮޅުތަކަށް އަދި ދުރު އަތޮޅުތަކަށްވެސް ގޮސް އަތޮޅުތަކުން ބަލައި އެފެންވަރުގެ ކުޅުންތެރިން ތިބިއްޔާ މާލެ ގެނެސް މި ޕޫލްގެ ތެރޭގައ ޖުމުލަ 60 ކުޅުންތެރިން ގެންގުޅޭނަން." ސާންތީ ބުންޏެވެ.
ސާންތީ ބުނީ އެ ޕޫލްގެ ޓްރެއިނިންތައް މުޅި އަހަރުތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މުޅި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކުޑަ ހީނާ ބޭނުންވާ ގޮތަށް ކަމަށް ސާންތީ ފާހަގަ ކުރި އެވެ.
އޭނާ ބުނީ ކުޑަހީނާ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ބޭނުމަކީ މުސްތަގުބަލަށް ރާވައިގެން އުމުރުފުރާތަކުގެ ޓީމެއް ބިނާ ކުރުން ކަމަށެވެ. އަދި އިމީޑިއޭޓް ކާމިޔާބަށް ވުރެ އެފްއޭއެމުން އިސްކަން ދެނީ ކުރިމަގަށް ވަރުގަދަ ޓީމުތަކެއް އެކުލަވާލުން ކަމަށެވެ.
"ކުޅުންތެރިން ބިނާ ކުރުމަކީ އެއް ދުވަހުން ދެ ދުވަހުން ކުރެވޭނެ މަސައްކަތެއް ނޫން، އެހެންވީމަ މިއަށް އަޅުގަނޑުމެން ޕްލޭނެއް ހަދާފަ އަޅުގަނޑުމެން ވިސްނީ ކާކުތޯ މިކަމަށް އެންމެ އެކަށޭނެ މީީހަކަށް ވާނީ، ވަރުގަދަ ޖެނޭރޭޝަނެއް ބިލްޑްކުރަން ލޯކަލް ކޯޗުންގެ ތެރެއިން އެންމެ ރަނގަޅު ބޭފޫޅަކީ ކުޑަހީނާ ކަމަށް، އަލުގަނޑުމެްގެ ޓެކްނިކަލް ޑިޕާޓެމެންޓަށްވެސް އަދި އަޅުގަނޑުމެންގެ ރައީސް [ބައްސާމް] އަށް ފެނުނީ" ސާންތީ ބުންޏެވެ.
ސާންތީ ބުނީ، 13 އަހަރުން ދަށުގެ ޓީމުން އެކުވެރިކަމުގެ މެޗުތައް ކުޅެން އެހެން ގައުމުތަކަށްވެސް ދަތުރު ކުރާނެ ކަމަށެވެ. އެފްއޭއެމުން ބާއްވާ 13 އަހަރުން ދަށުގެ އެކެޑެމީ ލީގްގެ މަސައްކަތްތަކުގައިވެސް ކުޑަހީނާ ބައިވެރިވާނެ ކަމަށް ސާންތީ ބުންޏެވެ.
ކުލަބު ވެލެންސިއާގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ކުރިން އަދާ ކުރި ކުޑަހީނާ އެފްއޭއެމްއަށް ގެނައުމަށް މީގެ ކުރިންވެސް އެކިފަހަރުތަކުގެ މަތިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަސައްކަތް ކުރެއްވި އެވެ.
"އަޅުގަނޑަށް ފެނުނު ރާއްޖޭގެ އެންމެ މޮޅު ޓްރެއިނަރު ކުޑަހީނާ." ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑު އަބަދުވެސް ބެލިން ކުޑަހީނާ އެފްއޭއެމްއަށް ގެނެވޭތޯ، އެހެންނަމަވެސް އޭރު އާ ބަސް ބުނުމުގައި އުނދަގޫތަކެއް އައީ، އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނާ މިގުޅެނީ، ޒުވާން ޖީލެއް ބިނާ ކުރުމުގައި ކުޑަހީނާގެ އެހީތެރިކަން އަލުގަނޑުމެންނަށް ލިބޭނެ."