ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ފަރާތްތަކަށް އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ، އެ ބިލު ދިރާސާ ކުރެއްވުމަށް ވަގުތީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ އެ ބިލު ބަލައިގެންފައި ވަނީ 31 މެންބަރުންގެ ވޯޓާއެކުގަ އެވެ. އަދި އެއާ ދެކޮޅަށް 15 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ނުފެންނަ ކަމަށް ވެސް މެންބަރަކު ވޯޓު ދެއްވި އެވެ. އެއާއެކު ބިލު ބަލައިގަތުމަށް ފާސްވި އެވެ.
އެ ބިލު ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ވެސް ރިޔާޒް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އޭނާ ހުށަހެޅުއްވި ނަންތަކުގެ ތެެރެއިން ބައެއް އިދިކޮޅު މެންބަރުން ތަނާޒިލު ވުމާ ގުޅިގެން އަބްދުއްރަހީމް ވަނީ އަލުން އާ މެންބަރުންތަކެގެ ނަންތައް ހުށަހަޅުއްވައިފަ އެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއާ، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުއާ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ. ވަގުތީ ކޮމިޓީގައި އެ މެންބަރުން ހިމެނުމަށް 27 މެންބަރުންގެ ވޯޓާއެކު ފާސްވި އެވެ.
ފަނޑިޔާރުންނަށް އިނާޔަތް ލިބޭ ބިލުގެ ފުރަތަމަ ކިޔުން ވެސް އިއްވީ މިއަދު އެވެ. އަދި އިބްތިދާއީ ބަހުސް ކުރިޔަށް ގެންގޮސް ބަހުސް ނިންމާލާފައިވާ އިރު މިއަދު ކޮމިޓީ އިން ވެސް ފާސް ކުރާނެ ކަމަށް ބެލެވެ އެވެ. އެ ބިލު ފާސް ކުރަން ނިންމާފައިވާ އިރު ކުރީގެ މަޖިލިސް މެންބަރުންނަށް ވެސް އިނާޔަތް ލިބޭ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.