ޑިފެންސް މިނިސްޓްރީ

ރާޑަރު ސިސްޓަމްތަކެއް ހޯދަން ޑިފެންސުން އިއުލާންކޮށްފި

ރާއްޖެއަށް ރާޑާ ސިސްޓަމްތަކެއް ހޯދަން ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން ކޮމްޕިލީޓް ރާޑަރު ސިސްޓަމްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރިއިރު، މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މޭޖާ އަހުމަދު މުޖުތަބާ ވިދާޅުވެފައިވަނީ އިންޑިއާއިން ބަހައްޓާ 10 ރާޑަރުގެ ތެރެއިން ހަތަރު ރާޑަރު ސްޓޭޝަނެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަނެއް ހަ ރާޑަރުގެ މަސައްކަތް މި އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމަށާއި އެ ރާޑަރުތައް ކޯސްޓް ގާޑުގެ ކޮމާންޑް ސެންޓަރުތަކާ ގުޅާލައި މި އަހަރު ބޭނުން ކުރަން ފަށާނެ ކަަމަށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "އިކޮނޮމިކް ޓައިމްސް" އިން އެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ހަވާލާދީ އިއްޔެ ރިޕޯޓް ކުރި ހަބަރެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސޯދީ ސަރައްދު ބަލަހައްޓަން އިންޑިއާއިން ދީފައިވާ 10 ރާޑަރު ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ރާޑަރުތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ ވެސް އިންޑިއާ ސިފައިން ކަމަށެވެ.

ޑިފެންސުން ހޯދަން އިއުލާން ކޮށްފައިވާ ރާޑަރު ސިސްޓަމަކީ އިންޑިއާއިން ދިން ރާޑަރުތަކާއި ގުޅުމެއް ހުރި އެއްޗެކަން ނުވަތަ ނޫންކަން ވެސް ސާފުވާ ގޮތެއް މިއަދު ނުވި އެވެ.

ރާޑަރު ސިސްޓަމްތަށް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކުން މިމަހު 28 ވަނަ ދުވަހު އެ މިނިސްޓްރީއަށް ގޮސް މައުލޫމާތު ސާފުކުރަން ޑިފެންސުން ވަނީ އެދިފަ އެވެ. އަދި އަންނަށް މަހު ދެވަނަ ދުވަހުގެ މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަޙަޅަން އެދޭ ކަމަށް ވެސް މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވެއެވެ.