އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް-އުން ރަޝިއާއަށް ވަޑައިގެން ރަޝިއާގެ ރައީސް ލަޑިމިޔާ ޕުޓިން އާއި ބައްދަލު ކުރައްވައިފި އެވެ.
ކިމް ރަޝިއާއަށް ވަޑައިގެންނެވީ ރަޝިއާގެ ބޯޑަރު ހުރަސްކޮށް ރައީސް ކިމް އަމިއްލަފުޅު ހާއްސަ ރޭލުކޮޅެއްގަ އެވެ. ރޭލުކޮޅުގައި އެ މަނިކުފާނު ނުވަ ގަޑިއިރުގެ ދަތުރުފުޅެއް ކުރައްވަން ޖެހި ވަޑައިގަތެވެ.
ރައީސް ކިމް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމުގެ ގޮތުން ރަޝިއާގެ ސަގާފަތާ އެއްގޮތަށް ޕާނާއެކު ލޮނު ރައީސް ކިމް އަށް ވެދުންކޮށްފައި ވެއެވެ.
އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރަޝިއާގެ އިސް އޮފިޝަލުން ވަޑައިގަންނަވާފައި ވާއިރު އެތަނަށް ރައީސް ޕޫޓިން ވަޑައެއް ނުގަންނަވަ އެވެ.
ކިމްގެ މި ދަތުރުފުޅުގެ ބޭނުމަކީ އެމެރިކާއިން އުތުރު ކޮރެއާއާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހައްލެއް ހޯދަން ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން ރަޝިއާގެ އެހީތެރިކަން ހޯއްދަވަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް ޕޫޓިންއާއެކު ރަޝިއާގެ ރަށެއް ކަމަށްވާ ވްލަޑިވޮސްޓޮކްގައި ބާއްވާ ދެ ބޭފުޅުންގެ ސަމިޓާއެކު ވެސް އެމެރިކާގެ ފިޔަވަޅުތަކަށް ހައްލެއް ލިބުމަކީ ދުރުކަމަށް ކަމަށް ވެސް މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.
ނިއުކްލިއާ ހަތިޔާރު މަދުކުރުމާބެހޭ ގޮތުން އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު ދެކެވެމުން ދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާއިރު ރައީސް ކިމް ވިދާޅުވަނީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ފަދަ ބޭފުޅަކާއި ސުލްހަވެރިކަމުގެ ވާހަކަ ދެއްކުން އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި ވިދާޅުވަނީ އެމެރިކާގެ ރައީސް ޓްރަމްޕާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދެވޭނީ އެ މަނިކުފާނުގެ ވާހަކަ ދެއްކުމުގެ މިޒާޖުވެސް ރަނގަޅު ކުރެއްވުމުން ކަމަށެވެ.
ކިމް އާއި ޕޫޓިންގެ ފުރަތަމަ އަދި ތާރީހީ ބައްދަލުވުން އޮންނާނީ މާދަމާ އެވެ. އެހެން ނަމަވެސް ކިމް - ޕޫޓިން ސަމިޓަށްފަހު ދެ ގައުމުގެ ދެމެދުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފާނެ ކަމުގެ އިޝާރާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.