މާޒިޔާ

ޕްރި ސީޒަނަށް މާޒިޔާއިން މަހިބަދޫގައި ކޭމްޕް ކޮށްފި

އާ ސީޒަނަށް ތައްޔާރުވުމަށް މާޒިޔާ ސްޕޯޓްސްއިން، އދ. މަހިބަދޫގައި ކޭމްޕް ކޮށްފި އެވެ.

މިއީ މާލެއިން ބޭރުގައި، މާޒިޔާގެ ޕްރީސީޒަން ޕްރޮގްރާމެއް ބާއްވާ ފުރަތަމަ ފަހަރެވެ. މަހިބަދޫގައި 10 ދުވަހަށް ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ ޕްރެކްޓިސްތައް މިއަދު ވަނީ މަހީބަދޫ ފުޓްބޯޅަ ދަނޑުގައި ފަށަފަ އެވެ. މަހިބަދޫގެ ދަނޑަކީ ޒަމާނީ ފެންވަރަށް ޓާފް އަޅައިގެން ހަދާފައި ދަނޑެކެވެ. ދަނޑުގައި ޓާފް އެޅުމަށް ފަހު އެ ދަނޑު ހުޅުވީ މިދިޔަ އަހަރު އެވެ.

ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިން އުފައްދާ މަހިބަދޫއަކީ، ފުޓްބޯޅައަށް ފަހި ރަށެކެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި އެ ޓީމުގެ ޒުވާން ޑިފެންޑަރު ސަމޫހް އަލީއަކީވެސް މަހިބަދުއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

އާ ސީޒަންގެ ތައްޔާރީތަކަށް މަހިބަދޫގައި ކޭމްޕް ކުރަން މާޒިޔާއިން ނިންމީ، މާލޭގެ ބުރަ މާހައުލުން ދުރުވެ ފަސޭހަ ތަނެއްގައި ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށެވެ. އަދި ފުލު ޕިޗެއްގައި މުޅި ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ދިއުމަށް މާޒިޔާގެ ކޯޗް ކަމާ އަލުން ހަވާލުވި މެސަޑޯނިއާގެ މަރުޖާން ސެކްލޮވްސްކީ ބޭނުންވުމުންނެވެ.

ފުރަތަމަ ޑިވިޝަން ޓީމުތަކަށް މާލޭގައި ޕްރެކްޓިސް ކުރަން ފުލް ޕިޗް ލިބެނީ ވަރަށް މަދުންނެވެ. މާލޭގައި ޓީމުތައް އާންމުކޮށް ޕްރެކްޓިސް ކުރަނީ ހާފް ދަނޑުގައި އިދިކޮޅަށް ނިކުންނަ ޓީމަށް ދަނޑުގެ އަނެއް ހާފް ހިއްސާ ކޮށްގެންނެވެ. އެހެންވެ ޓެކްޓިކަލީ ޓީމުތައް ތައްޔާރު ކުރުމުގައި ޓީމުތަކަށް އުނދަގޫތައް ކުރިމަތިވެ އެވެ.

މާޒިޔާގެ ކޯޗް ކަމަށް އަލުން ސެކްލޮވްސްކީ ހަމަޖެއްސީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ހަމަ އެ ދުވަހު އޭނާ ވަނީ މާޒިޔާގެ ޓްރެއިނިންތައް ފަށާފަ އެވެ. އާ ސީޒަނަށް ތައްޔާރުވުމަށް ޓްރެއިނިންތައް އެންމެ ފުރަތަމަ ފެށި ކުލަބަކީވެސް މާޒިޔާ އެވެ. ޖެހިގެން އައި ދުވަހު ކުލަބު ގްރީން ސްޓްރީޓުންވެސް އެ ޓީމުގެ ޕްރެކްޓިސް ފެށި އެވެ.

މަޒިޔާގެ ކޯޗް ކަމާ ހަވާލުވުމަށް ފަހު ސެކްލޮސްކީ ބުނެފައިވަނީ މާޒިޔާގެ ޓާގެޓް އަބަދުވެސް އޭނާއަށް އެނގޭކަމަށާއި ޓާގެޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީގައި އޮންނަ ކުލަބަށްް ވުން ކަމަށެވެ. އޭނާ ބުނެފައި ވަނީ މާޒިޔާއަށް އަލަށް ގެނައި ދިވެހި ކުޅުންތެރިންގެ ފެންވަރުވެސް އޭނާއަށް އެނގޭ ކަމަށާއި 2017 ވަނަ އަހަރު އޭނާ މާޒިޔާގައި މަސައްކަތް ކުރިއިރު އެ ކުޅުންތެރިންނަކީ އެހެން ކުލަބުތަކުގައި މޮޅަށް ކުޅެފައިވާ ކުޅުންތެރިން ކަމަށެވެ.