ހަބަރު

ސުއޫދު ހާޒިރު ކުރީ ދެއްކެވި ވާހަކަތަކުގެ މަގުސަދު އޮޅުން ފިލުވުމަށް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރު ކުރީ ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކުގެ މަގުސަދު އޮޅުންފިލުވުމަށް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިއަދު ޑީޖޭއޭއަށް ހާޒިރު ކުރީ އޭނާ ރާއްޖެޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމްގައި ޖުޑިޝަރީއާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އޭނާ ހާޒިރުކުރީ 1:15 އަށެވެ. ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެޓީވީގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ސުއޫދު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދާއި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ، އޭނާ ހާޒިރުކޮށް، ސުވާލުކޮށްފައިވަނީ ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކުގެ މަގުސަދާއި ބެހޭގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ އެވާހަކަތައް ދެއްކެވީ ވަކި މަގުސަދެއް ހާސިލް ކުރަން ނޫން ކަމަށާއި، ފާޅު ކުރީ އޭނާގެ ހިޔާލު ކަމަށެވެ.

ސުއޫދަކީ ސުޕްރީމް ކޯޓުން އެންމެ ގިނައިން ސަސްޕެންޑް ކުރާ އެއް ވަކީލެވެ. މީގެކުރިން ވެސް އެކި ފަހަރު މަތިން އޭނާ ސަސްޕެންޑްކޮށްފައިވެ އެވެ. ސުއޫދަކީ ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިސްލާހު ކުރުމުގެ ވާހަކަ ގިނައިން ދައްކަވާ ބޭފުޅެކެވެ.

ސުއޫދު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ދަށު ކޯޓުތަކުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރެއް ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ. އެއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ކަމަށް ވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.