ހަބަރު

ސުއޫދު ވާހަކަ ދައްކާފައިވަނީ ތެދު ނިޔަތުގައި: އެމްޑީޕީ

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުގެ ރައީސް އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ރާއްޖެޓީވީގައި ވާހަކަ ދައްކާފައިވަނީ ސާބިތުވާންހުރި މައްސަލަތަކުގެ މައްޗަށް ތެދު ނިޔަތުގައި ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފި އެވެ.

ސުއޫދު ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކުގެ މައްސަލަ ސްޕްރީމް ކޯޓުން ބަލަން ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުއޫދު ރާއްޖެޓީވީގެ ޕްރޮގްރާމްގައި ފާޅުކުރައްވާފައިވާ ހިޔާލުފުޅަކީ ފަނޑިޔާރުގެއިން އިންސާފު ނުލިބޭތީ ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުނިޔެއިން ވެސް ދައްކަމުންގެންދާ ވާހަކައާއި އެއްވާހަކައެއް ކަމަށެވެ.

ސުއޫދު ވާހަކަދައްކަވާފައިވަނީ ފަނޑިޔާރުގޭގައި ހުރި މައްސަލަތަކާއި ސާބިތުވާންހުރި މައްސަލަތަކުގެ މައްޗަށް ތެދު ނިޔަތުގައިކަން ފާހަގަކުރެވޭ ކަމަށާއި، ގާނޫނާ އެއްގޮތަށް ދެފުށްފެންނަ ގޮތަށް ހުރިހާ އިޖްރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހުގައާއި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހުގައި މެނުވީ ފަނޑިޔާރުން ވަކިކުރެވިގެން ނުވާނޭކަމަށް ސުއޫދު ބާރުއަޅުއްވާފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައިވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގާނޫނުއަސާސީގައާއި ގަނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި، ސްޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލަބަލަން ފެށުމަކީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ވާހަކަދައްކާ ފަރާތްތަކަށް ބިރުދެއްކުންކަމުގައި ދެކޭކަމަށެވެ. އަދި ފަނޑިޔާރުގެއާ މެދު ހިޔާލުފާޅުކުރުމުގެ ސަބަބުން މީގެ ކުރިން ވެސް އެކިފަހަރުމަތިން ސްޕްރީމް ކޯޓުން ވަނީ ސުއޫދާއި އަދި އެތަކެއް ގާނޫނީ ވަކީލުން ސަސްޕެންޑްކޮށްފައި ކަމަށެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި ފަނޑިޔާރުގެއާ މެދު ވަރަށް ގިނަ ދިވެހިރައްޔިތުންނާއި އަދި ބައިނަލްއަގުވާމީ ފަރާތްތަކުން ގެންދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ޝަރުޢީ ނިޒާމް ވަގުތުން އިސްލާހުކުރުމަށް ގޮވާލަމުން ކަމަށާއި، އެގޮތުން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ހާއްސަ މުޝީރު ވެސް މީގެ ކުރިން ވަނީ ރާއްޖެވަޑައިގެން ދިރާސާކުރެއްވުމަށްފަހު ރާއްޖޭގެ ވަކީލުން ސަސްޕެންޑްކުރާ ކުރުމާއި، އަދި ޝަރުއީ ނިޒާމު އޮތް ހާލަތާމެދު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރައްވާފައިކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.