ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރި ފަރާތްތަކުގެ މާލީ ބަޔާން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 12:00 ކަމަށާއި، މިހާތަނަށް އައިއިރު، މާލީ ބަޔާން ހުށަހަޅާފައިވަނީ އެންމެ 22 ފަރާތަަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިސީގެ މެމްބަރު އަހުމަދު އަކްރަމް "އަވަސް" އަށް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންގެވެސް މާލީބަޔާން އީސީއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، އެއީ ގާނޫނީ ގޮތުން ކުރަން ލާޒިމު ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ސުންގަޑިހަމަވަންދެން ކޮންމެ ދުވަހަކު ވެސް ރޭގަނޑު 12 ޖަހަންދެން އީސީން މާލީ ބަޔަން ބަލައިގަންނަމުން ދާނެ ކަމަށެވެ.
އަކުރަމް ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅާ ފަރާތްތަކައް ޖޫރިމަނާއެއް ނުވަތަ ޖަލު ހުކުމެއް ވެސް އައުން އެކަށީގެންވާ ކަމަށެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް ވީއެންމެ އަވަހަކަށް މާލީ ބަޔާން ހުށަހެޅުމަށް އަކުރަމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި 386 ކެނޑިޑޭޓުން ވާދަ ކުރިވެ. މިހާތަނަށް 22 ފަރާތަނުން މާލީ ބަޔާން ހުށަހަޅާފައިވާއިރު، އެންމެ ފުރަތަމަ މާލީ ބަޔާން ހުށަހެޅީ އެމްއާރުއެމްގެ ތާއިދާއެކު ގަލޮޅު ދެކުނަށް ވާދަކުރެއްވި އައިމިނަތު ނާދިރާ އެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީ އަށް ހުށައަޅަން ޖެހޭނެ އެވެ. އެ ރިޕޯޓުގައި އިންތިހާބުގައި ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ހުށައަޅަން ޖެހޭނެ އެވެ. އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތާއި ކެންޑިޑޭޓުން އިންތިހާބަށް ބޭނުންކޮށްފައިވާ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓްތައް ވެސް ހިމަނަން ޖެހެ އެވެ.