އަބަދުވެސް އިވޭ އަޑަކީ ޒުވާނުން ހީވާގި ނޫން ވާހަކަ އާއި ކައްނެތް ވާހަކައާ އަތުންފައިން މަސައްކަތް ނުކުރާ ވާހަކަ އެވެ. ފަހަކަސް އައިސް މި ކަން މުޅިން ތަފާތެވެ. ތަފާތު އެކި ފަންނުގެ ޒުވާނުން އެމީހުންގެ އެކި އެކި މަސައްކަތްތާއި ހުނަރު އެކި ގޮތްގޮތަށް ދައްކަމުން ދެއެވެ. ރަސްމީ ވަޒީފާގައި އުޅެމުން ވެސް އެމީހުންގެ ޕެޝަނެއް އޮތް ނަމަ އެ މަސައްކަތް ވެސް ކުރަމުން އެބަ ދެއެވެ.
މި ފަދަ މަސައްކަތްތަށް ކުރާ ޒުވާނުންގެ ހުނަރު ދައްކާލާ ވިޔަފާރި ހުޅުވަނީ އިންސްޓަގްރާމް ނުވަތަ ފޭސްބުކްގަ އެވެ. އަދި ފަހަކަށް އައިސް ވައިގައި ހިފައިގެން މިއުޅެނީ އެފަދަ ޒުވާނުން ރާވާ ހިންގާ ޕޮޕްއަޕް ސްޓޯރްތަކުންނެވެ. ޕޮޕްއަޕް ސްޓޯގެ އެންމެ މައިގަނޑު އެއް މަގްސަދަކީ ވިއްކާ އެއްޗެހި އާއްމުންނަށް ދައްކާލާ އެކްސްޕޯޝާއެއް ހޯދުމެވެ. އެހެން ކަމުން އެކި އެކި އިވެންޓްތަކާއި ގުޅިގެން ބާއްވާ މާކެޓްތަކުގައި ކޮންމެހެން ވެސް މި ޒުވާނުން ފުރުސަތު ހޯދައެވެ.
ހޭންޑް މޭޑްތަކެތި އާއި ދިވެހި އެހެނިހެން އުފެއްދުންތަށް ބަލައިގަންނަވަރު އިތުރުވެގެން ދާއިރު މި ފަދަ ތަފާތު އެކި ހުނަރަށް މާކެޓެއް އެބައޮތެވެ.
މިފަހުން މާލޭގައި އަމިނިއްޔާ ސްކޫލްގެ އަހަރީ ދުވަހާއި އަންހެނުންގެ ދުވަހާއި ގުޅިގެން ބާއްވާފައިވާ ޕޮޕްއަޕްތަކުގައި ވެސް ވަރަށް ގިނަ ޒަވާން ވިޔަފާތިވެރިން ވަނީ ބައިވެރިވެ އެމީހުންގެ އެކި އެކި މަސައްކަތްތަކާއި ހުނަރު ދައްކާލި އެވެ. މިކަހަލަ ފެއާ އަދި އިވެންޓްތަކުގެ އެއްފަހަރު ބައިވެރިވެ ލިބޭ ތަޖުރިބާއިން ދެވަނަ ބުރަކަށް ތައްޔާރުވާން ވެސް ފަސޭހަ ވެއެވެ.
ވިޔަފާރީގެ މައިދާނަށް ޒުވާނުން ނުކުތުމަށް އެމީހުންގެ މި އައިޑިއާ މޮޅެވެ. ހަރަދު ކުޑަވެފައިވާ ފީސިބަލް އެވެ. ކުލި ބޮޑު މާލޭގައި ބޮޑު ފިހާރައެއް ހުޅުވުމުގެ ބަދަލުގައި ދޭތެރެ ދޭތެރެއިން މިކަހަލަ ޕޮޕްއަޕެއް ބާއްވާލައި ނިންމާލަނީ އެވެ.
އާއްމުކޮށް މިކަހަލަ ވިޔަފާރީގައި ބައިވެރިވަނީ އެކި ކްރާފްޓްތަށް ހަދާ މީހުން ކަމުގައިވިއަސް ކާބޯތަކެތި އުފައްދާ ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ފަރާތްތަކުން ވެސް އެހެން ފަރާތްތަކާއި ގުޅިގެން ބާއްވާ އިވެންޓްތަކުގައި ޕޮޕްއަޕް ޝޮޕް ހިންގަ އެވެ.
ޕޮޕް އަޕް ޝޮޕް ތަކުގެ ގޮތުގައި ކެފޭއެއްގައި ނުވަތަ ކޮންމެވެސް އެހެން އާއްމުންނަށް ފަސޭހައިން އެކްސަސްވެވޭ ކަހަލަ ތަނެއްގައިވިޔަފާރި ހިންގާލަ އެވ. ސަޅި ތަންކޮޅަކީ މިގޮތަށް ޕޮޕްއަޕް ބާއްވަނީ ގިނަ ފަހަރަށް ތަފާތު އެކި އެކި މަސައްކަތްކުރާ ފަރާތްތަށް ގުޅިގެންނެވެ. ކެފޭތަކުންނާއި ބޮޑެތި މުނާސާބަތްތަކާއި ގުޅިގެން ބާއްވާ އިވެންޓްތަކުން ޕޮޕްއަޕަށް ފުރުސަތު ދިނުމުން މިކަން ވަނީ ޒުވާން ފަންނުވެރިންނަށް އިތުރު ހިއްވަރަކަށެވެ.
މާލޭގެ އިތުރުން ފަތުރުވެރި މާކެޓަށް ޓާގެޓް ކުރުމަށް ގިނަ ގެސްޓްހައުސް ހުންނަ ރަށްތަކަށްވެސް ޒުވާން އާޓިސްޓުންނާއި ކްރާފްޓް ހަދާ މީހުން އެމީހުންގެ ޕްރޮޑަކްޓް ހިފައިގެން މި ފަދަ ޕޮޕްއަޕް ޝޮޕްތަށް ބާއްވަމުން ދެ އެވެ. މިއީ އެބަޔަކު ސްޕެޝަލައިޒްވާ މާކެޓަށް ޓާގެޓްކޮށް ވިޔަފާރި ކުރުމަށްވެސް ރަނގަޅު ގޮތެކެވެ. ބޮޑެތި އާބާދީތަށް އެކުލެވޭ ރަށްރަށުގައި މިފަދަ އިންތިޒާމެއް ހަމަޖެއްސުމުން ޕޯސްޓްގެ ގޮތުންވެސް ތަކެތި ފޮނުވުމުގ ހަރަދު ކުޑަވެގެންދެ އެވެ.