ދުނިޔެ

އިންޑިއާގެ އިންތިހާބާއި ގުޅުންހުރި ޕޯސްޓްތައް ނަގައިފި

އިންޑިއާގައި ކުރިއަށްދާ ލޮކްޝަބާ އިންތިހާބުގެ ތިންވަނަ ފިޔަވައްސާއި ހަމައަށް އާދެވުނު އިރު އެ ގައުމުގެ އިލެކްސަން ކޮމިޝަންގެ އެދުމުގެ މަތިން ސޯޝަލް މީޑިއާގެ 600 އަށްވުރެ ގިނަ ޕޯސްޓް ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން ފޭސްބުކް ކުންފުނީގެ ވެބްސައިޓުން 547 ޕޯސްޓް ނަގާފައިވާއިރު، ޓްވިޓާއިން 49 އެކައުންޓް ވަނީ އަތުލާފަ އެވެ.

މީގެ އިތުރުން ޔޫ-ޓިއުބަށް އަޕްލޯޑް ކޮށްފައިވާ ދެ ވީޑިއޯއެއް ނަގާ، ވަޓްސް އެޕްގެ ހިދުމަތް ބޭނުންކުރާ ތިން ފަރާތެއްގެ އެކައުންޓް އުވާލި އެވެ.

ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާ ޕޯސްޓުތަކުގެ ތެރެއިން 468 ޕޯސްޓް ބާތިލްކޮށްފައި ވަނީ އިލެކްޝަންގެ ކޮންމެ ފަިޔަވައްސެއް ފެށުމުގެ ކުރިން އޮންނަ "ހަމަހިމޭންކަމުގެ" ވަގުތުގައި ސިޔާސީ ކެމްޕޭން ކުރުން ހިމަނާފައި ވާތީ ކަމަށް އިންޑިއާގެ އިކޮނިމިކް ޓައިމްސްއިން (އީޓީ) އިން ބުންޏެވެ.

މީގެ ތެރޭގައި ވޯޓަށް ނުފޫޒު ފޯރުވުމާއި، ވޯޓުގެ މައުލޫމާތު ދޮގު ކުރުމާއި ރުޅިވެރިކަމުގެ އިބާރާތްތައް ހިމެނޭ ޕޯސްޓުތައް ވެސް ހިމެނެއެވެ.

ޔޫޓިއުބުން ނަގާފައިވާ ދެ ވީޑިއޯގައި ރުޅިވެރިކަން ފަތުރާ ސިޔާސީ ކެމްޕެއިން ކުރުމާއި ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓް ކުރަން މަސައްކަތް ކޮށްފައިވާއިރު ވަޓްސް އެޕްގެ ތިން އެކައުންޓެއް އުވާލާފައި ވަނީ ވެސް މި ސަބަބުތަކާއި ހުރެ އެވެ.

އިންޑިއާ އިންތިހާބުގެ ހަތަރުވަނަ ފިޔަވަހި އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.