ހަބަރު

އެޗްއާރްސީއެމުން މާލެ ޖަލުގެ ހާލަތު ބަލައިފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން މާލެ ޖަލުގެ ހާލަތު ބައްލަވައިފި އެެވެ.

އެ ކޮމިޝަނުން މާލޭ ޖަލުގެ ހާލަތު ބަލާފައިވަނީ އިއްޔެ އާއި މިއަދު އެވެ.

އެޗްއާރްސީއެމް އިން ބުނި ގޮތުގައި، މި ޒިޔާރަތުގެ މަގްސަދަކީ މާލެ ޖަލަށް 2011، 2014 އަދި 2017 ވަނަ އަހަރު ކޮށްފައިވާ ޒިޔާރަތްތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން އިދާރާތަކަށް ހިއްސާކޮށްފައިވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ކަންކަން ތަންފީޒުކޮށްފައިވާ މިންވަރު ދެނެގަތުމެވެ. އަދި، ތަންފީޒު ނުވެ ގިނަ ދުވަސްވެފައިވާ ހުށަހެޅުންތައް ހުށަހެޅުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުން ކަމަށް ބުންޏެވެ.

މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ކަރުދާހެއް، ޒިޔާރަތްކުރާތާ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި މާލެ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހިއްސާކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި ޒިޔާރަތުގެ މައްޗަށް ރިޕޯޓެއް ތައްޔާރުކޮށް ކަރެކްޝަންސް އާއި ކަމާގުޅޭ އެހެން އިދާރާތަކާ ހިއްސާކޮށް މަޝްވަރާ ކުރާނެ އެވެ.

މީގެއިތުރުން، ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް، އަހަރަކު ދެ ފަހަރު ލިޔުމުން ފޮލޯއަޕް ހަދަމުން ދާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.