ހަބަރު

ހަފްތާބަންދުގައި ލަންކާގެ މީހުން އެއްވާ ތަންތަނަށް ދިވެހިން ނުދިއުމަށް އިލްތިމާސްކޮށްފި

މި ހަފްތާބަންދުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މީހުން ގިނައިން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފި އެވެ.

ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން މިރޭ ކުރި ޓޫވީޓެއްގައި ބުނެފައިވަނީ، ލަންކާގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިން ހަފްތާ ބަންދުގައި މީހުން ގިނަވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކާފިއު ގަޑި ތަކުގައި ގޭގައި މަޑު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އަދިވެސް ސަލާމަތީ ކަންކަން ހަމަޔަކަށް އެޅިފައިނުވާތީ މާދަމާ ލަންކާގައި ހުކުރު ކުރަން މިސްކިތްތަކަށް ނުދިއުމަށްވެސް ލަންކާގެ މުސްލިމު އެފެއާޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ދިވެހި ރާއްޖޭގެ އެމްބަސީިން ކުރި ޓުވީޓް

އެ ހަމަލަތަކާއި ގުޅިގެން މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވިފައިވާއިރު، ތުހުމަތުކުރެވޭ އިތުރު ބަޔަކު ހޯދަންވެސް ލަންކާ ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ.

ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 359 އަށް އަރާފައިވާއިރު، އެ ހަމަލާތައް ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުޅެދުނުކަމުގެ ތުހުމަތުތަކާއެކު، އެގައުމުގެ ސަލާމަތީ ބާރުތަކުގެ އިސް ދެ ވެރިއަކު އިސްތިއުފާދެއްވުމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ އެދިވަޑައިގެންފި އެވެ.