ހަބަރު

ރޮދިކޮޅެއް ނުވިރި ހުރީ ހޮސްޕިޓަލްގެ އިހުމާލަކުން ނޫން: އާސަންދަ

މީގެ ދެ އަހަރު ކުރިން އަންހެނަކު ވިހެއުމަށްޓަކައި ކަފާލިތަނެއް ފެހުމަށް ބޭނުން ކުރި ރޮދިކޮޅެއް ނުވިރި ހުރީ އެ ހޮސްޕިޓަލުގެ އިހުމާލަކުން ނޫން ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންގެންދާ އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދަ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ހިންގަމުންދާ ހުޅުމާލެ ހޮސްޕިޓަލުގައި މީގެ ދެއަހަރު ކުރިން ވިހެއި
އަންހެނަކު، ވިހެއުމައްޓަކައި ކަފާލިތަން ފެހުމަށް ބޭނުންކުރި ރޮދިކޮޅެއް ނުވިރި ހުރެގެން، އެއީ ހޮސްޕިޓަލުގެ އިހުމާލުން ވީކަމެއްކަމުގައި ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުންދާ ކަމަށެވެ.

ވިހެއުމަށްޓަކައި ކަފާލާތަން ފެހުމަށް ބޭނުން ކުރެވޭ ރޮއްޖަކީ މަދުން ނަމަވެސް ބައެއް މީހުން އެލާޖިކް ވާ އެއްޗެއްކަމަށާއި، އަދި އެލާޖިކް ވެދާނެކަން ދުރާލާ ދެނެގަނެވޭނެ އެއްވެސް ގޮތެއް އެގެން ނޯންނަކަން ކަމާއި ބެހޭ މާހިރުންގެ ބަހުން އެގެން އޮންނަ ކަމަށެވެ. އަދި އެ ރޮއްޖަކީ ވިރޭ ރޮއްޖަކަށް ވާތީ ރޮދިކޮޅެއް ނުވިރި ހުރުމަކީ އެއްވެސް މީހެއްގެ އިހުމާލަކުން ދިމާވީ ކަމެއް ކަމުގައި ނުވާނެކަން ފާހަގަކުރާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އާސަންދަ ކުންފުނިން ބުނީ، އެލާޖިކްވި ނަމަވެސް އިތުރު އެހެން އެއްވެސް އުނދަގުލެއް ނުވެ 2 އަހަރު ދުވަސް ވަންދެން ހުރުމަކީ ވަރަށް ނާދިރު ކަމެއް ކަމުގައި އެ ކަމުގެ ހާއްސަ ޑޮކްޓަރުން ވިދާޅުވާ ކަމަށާއި، އެހެންނަމަވެސް ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ވަކި މުވައްޒަފެއްގެ އިހުމާލު ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ވާހަކަ އެ ކުންފުނިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އާސަންދައިން އިތުރަށް ބުނީ ހެލްތް ޕްރޮފެޝަނަލްސްގެ އަގު ވެއްޓޭ ފަދަ ގޮތަކަށް ހަގީގަތާއި ހިލާފު ވާހަކަ ފަތުރާ ފަރާތްތަކާއި މެދު ގާނޫނީގޮތުން
އެޅެންހުރި ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ.