ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެވޯޑް ހަފްލާ ބާއްވައި އެވޯޑްތައް ދީފި

Apr 26, 2019

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ހަފްލާ ރޭ ބާއްވައި އެވޯޑް ދީފި އެވެ.

ހުޅުމާލޭ ޣާޒީ ސްކޫލްގައި ބޭއްވި އެ ހަފުލާފައި މިދިޔަ އަހަރު ބޭންކްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދިން އިރު އެވޯޑްތައް ހަވާލުކޮށްދެއްވީ ބޭންކް ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނާއި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކްޓިވް ކޮމިޓީގެ މެންބަރުންނެވެ.

ބޭންކްގެ މުޙައްމަދު މާއިޒަށް އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ލިބުނުއިރު މަރިޔަމް ހަމީދަށް ބެސްޓް ލީޑާ އެވޯޑް ލިބުނެވެ.

ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް ހޯދާފައިވަނީ ޕޭމަންޓް އެންޑް ސެޓްލްމަންޓް ޔުނިޓާއި، ސޯޝަލްމީޑިއާ ޓީމްގެ އިތުރުން ހެޑް އޮފް ލީގަލް އެންޑް ކޯޕްރޭޓް އެފެއަޒް އައިޝަތު ސަމާހެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ އޮފް ދަ އިޔާ އާއި ބެސްޓް ލީޑާ އާއި ބެސްޓް މެނޭޖާ އާއި ބެސްޓް ޑިވިޝަނަލް ސްޓާފާއި ވޮލަންޓިއާ ސާވިސް އާއި ސްޕޯޓްސް ސްޕިރިޓާއި ރެކަގްނިޝަން ފޯ އެޗީވްމަންޓާއި އިނޮވޭޝަން އެވޯޑް ރޭ ދިނެވެ.

އަދި އަންސަންގް ޗެމްޕިއަން ޔަމާ ޗެމްޕިއަން، ސާބަސް އެވޯޑް، ކަސްޓަމާ ސާވިސް ސްޓާ، ރައިޒިން ސްޓަރ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް އަދި ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ވެސް ދިނެވެ.

ބީއެމްއެލް ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ރޭ ވިދާޅުވީ ބުރަކޮށް މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރެވުން އެއީ ލިބޭ ވަރަށް ބޮޑު ފަހުރެއް އަދި ބޮޑު އުފަލެއް ކަމަށެވެ.

"އެއީ ބޭންކުން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ އެ މުވައްޒަފުން. މިރޭ އެވޯޑްތައް ހާސިލް ކުރި މުވައްޒަފުންނަށާއި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާކިޔަން. އަދި ބޭންކްގެ ހުރިހާ މުވަޒަފުން ކުރަމުންގެންދާ މިންނަތް މަސައްކަތަށާއި، މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރަން."

ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ބާއްވާ މުހިންމު ހަރަކާތެކެވެ. މަސައްކަތް ކުރަން އެންމެ ރަގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ދެ އަހަރު ބީއެމްއެލް އިން ވަނީ ހޯދާފަ އެވެ.