ހަސަން އަފީފް

ނަޝީދު ސަރުކަރު ވައްޓާލީ ސިފައިން، ރޭވީ ޖެނަރަލް ޝިޔާމް: އަފީފް

Apr 26, 2019
26

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން 7 ފެބުރުއަރީގައި ވައްޓާލީ ސިފައިންގެ ތެރެއިން ކަމަށާއި އެކަން ރާވައި، އެންމެ އިސްކޮށް ހުންނެވީ އޭރުގެ ބްރިގޭޑިއާ ޖެނަރަލްގެ މަގާމްގައި ހުންނެވި ފަހުން ޗީފް އޮފް ޑިފެންސް ފޯސް ކަމުގެ މަގާމު ފުރުއްވެވި އަހުމަދު ޝިޔާމް ކަމަށް ވިލުފުށީ ދާއިރާއަށް އިންތިހާބު ވެވަޑައިގަތް ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވި އެ ވެރިކަން ނިމިގެން ދިޔަ އިރު އަފީފު ހުންނެވީ ހޯމް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އަދި އެ ސަރުކާރުގައި ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު ކަމުގެ މަގާމްވެސް އޭނާ އަދާ ކުރެއްވި އެވެ.

އަފީފު "ޕީއެސްއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ "ފުލުހުންނަށް ސަރުކާރު ވައްޓާ ނުލެވޭނެ" ކަމަށެވެ. ނަޝީދުގެ ސަރުކާރު ވައްޓާލުމުގެ ކަންކަން ރޭވިގެން އައީ ސިފައިންގެ ތެރެއިން ކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަން ރޭވީ ޝިޔާމްކަން އޭރު ފެނިވަޑައިގަތް މަންޒަރުތަކުން އަފީފަށް އެނގި ވަޑައިގެންނެވި ކަމަށެވެ.

އޭނާ ހޯމް މިނިސްޓަރު ކަމުގެ މަގާމްގައި ހުންނަވަނިކޮށް ނަޝީދުގެ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ރިޕޯޓް ލިބި ވަޑައިގެންނެވި ކަމަށާއި އެކަން ފުލުހުންގެ ސަމާލު ކަމަށް ގެންގޮސް ރައީސް ނަޝީދާ މަޝްވަރާ ކުރެއްވެވި ކަމަށް ވެސް އަފީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން ތަހުގީގު ކުރަން އެންގުމުން އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ވެސް އޭރުގެ ޕޮލިސް ކޮމިޝަނާ އަހުމަދު ފަސީހު ވިދާޅުވެފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެ ބަޣާވާތް ރޭވީ، ހަމަ ސިފައިންގެ ތެރެއިން. ބަޣާވާތް ރޭވި މިހާ އޭގެ ފަހުން ޗީފް އޮފް ޑިފެންސް ފޯސްއަކަށްވީ. އެއީ ބަޣާވާތް ރޭވި މީހަކީ، ޖެނަރަލް ޝިޔާމް އެއީ އަޅުގަނޑުވެސް އެރޭ އެތާހުރިން، އަޅުގަނޑަށް އެރޭ ފެނުނު މަންޒަރުން، އެހެން މިދަންނަވަނީ" އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފަނޑިޔާރުގެ ކަމަށެވެ. އަދި އޭރުގެ ފަނޑިޔާރުން ތިއްބެވީ ސަރުކާރާ އިދިކޮޅު ފިކުރެއްގައި ކަމަށާއި ސަރުކާރަށް ދަތި ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އެ ބޭފުޅުން ކުރައްވަމުން ގެންދެވި ކަމަށް އަފީފް ވިދާޅުވި އެވެ.