ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ވާއު ކިޑްސް ރަން ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން "ބީއެމްއެލް ވައު ކިޑްޒް ރަން" މިއަދު ހެނދުނު ހުޅުމާލޭގައި ބާއްވައިފި އެވެ.

ހަތަރު އުމުރުފުރާ އަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިން އަދި 10 އަހަރާ 13 އަހަރާ ދެމެދުގެ 300 ކުދިންނާއެކު ޖުމްލަ 2000 އަށް ވުރެ ގިނަ ބައިވެރިން މި ދުވުމުގައި ބައިވެރިވި އެވެ. ދުވުން ކުރިއަށް ގެންގޮސްފައިވަނީ ދެ ކިލޯމީޓަރު، ތިން ކިލޯމީޓަރު އަދި ހަތަރު ކިލޯ މީޓަރުގެ ދިގުމިނަށެވެ. ހުރިހާ ބައިވެރިންވެސް ދުވުން ނިންމާލީ ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ

މި ދުވުމާ ގުޅުވައިގެން ބީއެމްއެލް އިން ތައާރަފްކުރި ފަންޑް ރެއިޒިން ޕްލެޓްފޯމް މެދުވެރިކޮން ދުވުމުގައި ބައިވެރިވި ކުދިން އެއްކުރި 105،250 ރުފިޔާ ވަނީ އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ހަވާލުކޮށްފަ އެވެ. މި ފައިސާ އާކް އާ ހަވާލުކޮށްދެއްވީ ދުވުމުގައި ބައިވެރިވި ކުދިންނާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހުއްމަދު ޝަރީފްއެވެ.

ދުވުމުގެ ހަރަކާތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބޭއްވި ހަރަކާތެއް ކަމަށެވެ. އަދި، މި ދުވުމުގައި ބައިވެރިވި ކުދިން ފަންޑްރައިޒް ކޮށްގެން ހޯދުނު ފައިސާ ހަދިޔާ ކުރަނީ މުޖުތަމައުއަށް ވަރަށް ބޭނުންތެރި ޕްރޮގްރާމަކަށް ކަމަށެވެ.

އާކް އިން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ކުޑަކުދިންނަށް ބުލީ ކުރުމާ ދެކޮޅު ކެމްޕޭން 'ބީޓް ބުލީން' އަށެވެ.

ބީއެމްއެލް ވާއު ކިޑްސް މިއަހަރު ނިންމާލާފައިވާ އިރު މިއީ ޖެހިޖެހިގެން މި ދުވުން ބޭއްވި ހަތަރުވަނަ އަހަރެވެ.