އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އެކަމުން ކުރާނެ ބޮޑު ފައިދާއެއް ނެތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އިރާން-ޖަރުމަން ޗޭމްބާ އޮފް ކޮމާސްގެ ކޯ ޗެއާމަން މައިކަލް ޓޮކަސް ވިދާޅުވެއްޖެ އެވެ.
ޖަރުމަނަށް އުފަން މައިކަލް ވިދާޅުވަނީ އެމެރިކާގެ ސިޔާސަތަކީ ކޮންމެ ކަމެއްގައި ވެސް ގަދަ ބާރު ދައްކާ ދަތި ކުރުމުގެ ފިޔަވަޅު އެޅުން ކަމަށްވާއިރު ބޭންކިންގެ ދާއިރާ ފިޔަވާ އެހެން އެއްވެސް ދާއިރާއަކުން ދަތިކުރުން އެއީ މިހާރުގެ ދުނިޔޭގައި ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި އެއީ މުސްކުޅި ސިޔާސަތެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވަނީ އެހެން ގައުމުތަކުން އިރާނުގެ ތެޔޮ ގަތުން ހުއްޓުވަން އެމެރިކާއިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ ގައުމުތަކުން އިރާނުގެ ތެޔޮ ގަތުން ހުއްޓާލުމަކީ ވެދާނެ ކަމަކަށް ދެކެ ވަޑައި ނުގަންނަވާ ކަމަށެވެ.
އެމެރިކާއިން އިރާނަށް ދުއްތުރާ ކުރުމަކީ އަލިފާނާއި ކުޅުންފަދަ ކަމެއްގެ ގޮތުގައިވެސް މައިކަލް ސިފަ ކުރެއްވި އެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އިރާނުން ތެޔޮ ގަންނަ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައިވާއިރު އިރާނުން ތެޔޮ ގަތުން ހުއްޓާލި ނަމަވެސް ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އިން ތެލުގެ އަގު މައްޗައް ނުޖެހޭނެހެން އެތަން ފޫބައްދައިދޭނެ ކަމަށް އެ ގައުމުތަކުން ބުނެ އެވެ.
އިރާނުގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް ވިދާޅުވަނީ އެމެރިކާއިން ކޮންމެ ވާހަކައެް ދެއްކި ނަމަވެސް އެ ގައުމުގެ ތެޔޮ ދުނިޔޭގައި ވިކޭނެ ކަމަށެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ބިރު ދައްކައިގެން އެމެރިކާއަށް ލިބޭނެ އެއްވެސް މޮޅެއް ނެތްކަން ޔަގީންވާ ކަމަށެވެ.
ވޭތުވެ ދިޔަ ދުވަސްތަކުގައި އެމެރިކާގެ އަމަލުތައް ކުށްވެރި ކުރަމުން ރަޝިއާ އާއި ޗައިނާ އަދި ތުރުކީއިން ބުނަމުން ގެންދަނީ އެ ގައުމުތަކުން އިރާނުގެ ތެޔޮ ގަތުން ހުއްޓާނުލާނެ ކަމަށެވެ.