ނައުޝާގެ ހެލްތު ކޮލަމް

އެންޒައިޓީ ޑިސްއޯޑާއާ ދުރަށްދާނީ ކިހިނެއް؟

އާންމު ދިރިއުޅުމުގައި ތަފާތު އެކި ކަންތައްތަކާމެދު ހާސްވެ ކަންބޮޑުވެ އެވެ. ކަންބޮޑުވެ ފިކުރު ބޮޑު ވާން މެދުވެރި ކުރުވާ ކަންތައްތައް ކޮންމެ މީހަކާ ވެސް ދިމާވާނެ އެވެ. އެއީ އާއިލާ ނުވަތަ ރައްޓެހިންގެ ތެރޭގައި ޖެހޭ މައްސަލަތައް، އަދި ވަޒީފާގެ މާހައުލުގައިޖެހޭ މައްސަލަ ތަކެއްގެ ސަބަބުން ކަމުގައި ވެސް ވެދާނެ އެވެ. ދިރިއުޅުމުގައި ދިމާވާ މިފަދަ ތަފާތު އެކި މައްސަލަތަކާ ގުޅިގެން މިގޮތަށް ހާސްވުމަކީ އިންސާނާގެ ތޮބީއަތުގައި ހުންނަ ކަމެކެވެ.

ނަމަވެސް ހާސްވެ ކަންބޮޑުވުން ނުވަތަ އެންޒައިޓީ ބައްޔަކަށް ވަނީ ކަންކަމާ މެދު ފިކުރު ބޮޑުވެގެން ގޮސް ދިރިއުޅުމުގެ އެހެނިހެން މަސައްކަތްތަކަށް ބުރޫއަރާ ހިސާބުންނެވެ. ކިތަންމެ ވަރަކަށް ކަމަކާމެދު މާ ބޮޑަށް ނުވިސްނަން މަސައްކަތް ކުރިޔަސް ނަކާމިޔާބުވެ، އަބަދު އެ ކަމަކާ ދޭތެރޭ ފިކުރު ކުރެވި ވަރުބަލިވުމަށް ވެސް މެދުވެރިކުރުވާ ހާލަތެކެވެ. މިއީ ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ އެންމެ އާންމު އެއް ބައްޔެވެ.

އެންޒައިޓީ ބަލީގެ އަލާމާތްތައް

  • ކަންކަމާމެދު މާ ބޮޑަށް ފިކުރު ކުރެވުން
  • ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކަންކަމާމެދު ހާސްވެ އުނދަގޫވާތާ ހަ މަހަށް ވުރެ ގިނަ ދުވަސްވުން
  • މައިގަނޑު ވަކި ސަބަބެއް ނެތި ގިނަ ކަންތައްތަކަކާ މެދު ފިކުރު ބޮޑުވުން
  • ކިތަންމެ މަސައްކަތް ކުރިޔަސް ހާސްވެ ފިކުރު ބޮޑުވުން ކޮންޓްރޯލް ނުކުރެވުން
  • ނިދިމަދުވުން ނުވަތަ މާ ގިނައިން ނިދުން
  • ބޮލުގައި ރިއްސުން
  • ހިތް ނުތަނަވަސްވެ ބުނެދޭން ނޭނގޭ އުނދަގޫތަކެއްވުން
  • ނޭވާ ކުރުވުން
  • މޭ ނުބައި ކުރުން
  • ތުރުތުރުއެޅުން
  • މާ ބާރަށް ހިތްތެޅޭހެން ހީވުން

މިއީ އެންޒައިޓީގެ ގިނަ ވައްތަރުތަކުގެ ތެރެއިން އާންމު އެންޒައިޓީ ހުންނަ މީހެއްގެ ކިބައިން ފެންނަ އެންމެ އާންމު އަލާމާތް ތަކެވެ. އެންޒައިޓީގެ އަލާމާތްތައް މިގޮތަށް ބަޔާން ކޮށްލަން ފަސޭހަވި ނަމަވެސް ގިނަ ނަފުސާނީ ބަލިތަކުގައި ދިމާވާ އުނދަގޫތަކެކޭ އެއްފަދައިން އެންޒައިޓީގައި ދިމާވާ އުނދަގޫތަކަކީވެސް ތަހައްމަލު ކުރަން ދަތި، ނުތަނަވަސްކަން ފޯރުކޮށްދޭ އުނދަގޫތަކެކެވެ.

ގިނަ ފަހަރު ރައްޓެއްސަކަށް ނުވަތަ އާއިލާގެ މެންބަރަކަށް ވެސް މިފަދަ އިހުސާސްތަކެއް ކުރެވެމުންދާކަން ކިޔައި ދިނުމަށް އުނދަގޫ ވެއެވެ. އަދި ކިޔައިދޭން މަސައްކަތް ކުރިޔަސް ގިނަ ފަހަރު އަޑު އަހާ މީހުންނަށް މިއީ ހަގީގަތުގައި ވެސް ގިނަ އުނދަގޫތަކާއި ނުތަނަވަސްކަން އަދި ބިރުވެރިކަން މެދުވެރި ކުރުވާ ބައްޔެއްގެ ގޮތުގައި ބަލައިގަތުމަށް އުނދަގޫ ވެއެވެ.

މިގޮތަށް އަބަދު ކަންކަމާމެދު ހާސްވެ ކަންބޮޑުވާނަމަ ދިރިއުޅުމުގެ ގިނަ ކަންތައްތަކަށް ބުރޫއެރުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ. އެހެނީ އާއިލާގެ މައްސަލަތަކުން ފެށިގެން މަސައްކަތް ކުރާ މަހައުލުގައި ވެސް ގިނަ ދަތިތަކާއި ކުރިމަތިވެދާނެ އެވެ.

އެނަޒައިޓީ ޑިސްއޯޑާ އާ ގުޅިފައިވާ ނިދުމަށް އަންނަ ބަދަލުތައް ފަދަ ކަންތަކުގެ ސަބަބުން އިތުރު ސިއްހީ މައްސަލަތަކާ ކުރިމަތިވެ ދިރުއުޅުން އުނދަގޫވެގެން ދެއެވެ. ވީމާ އެންޒައިޓީ ޑިސްއޯޑާ ހުންނަކަން އަވަހަށް ދެނެގަތުން ވަރަށް މުހިންމެވެ.

އެެހެންކަމުން ބަޔާން ކުރެވުނު އެންޒައިޓީ ޑިސްއޯޑާގެ ގިނަ އަލާމާތްތަކުން އަލާމާތްތަކެއް ފެންނަމުންދާ ކަމަށް ޝައްކު ކުރެވިއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ. ހަގީގަތުގައި ވެސް އެންޒައިޓީ ޑިސްއޯޑާ ހުރިތޯ ޗެކް ކުރުމަށް ޑޮކްޓަރު ގިނަ ސުވާލުތަކެއެ އެއްސެވުމަށްފަހު ކްރައިޓީރިއާއަކަށް ބިނާކޮށް މި ބަލި ހުރިތޯ ނެއްތޯ ޔަގީން ކުރައްވާނެ އެވެ.

އެންޒައިޓީ ޑިސްއޯޑާ ހުންނަ ފަރާތެއްނަމަ މިފަދަ ކަންބޮޑުވުންތަކާއި ފިކުރު ބޮޑުވުންތަކުން ރައްކާތެރި ވުމަށް ތިމާ ކުރާ ހިތްވާ، ކުރުމަށް ލޯބި ކުރާ ކަމެއް ހޯދުން ބުއްދިވެރި އެވެ. އެހެނީ އެއީ ތިމާ ހިތްހަމަ ޖެއްސުމަށް ކުރާ ކަމަކަށް ހެދިދާނެ އެވެ. އެއީ ކުރެހުމާއި ކުލަޖެއްސުމާއި ސީރީސްއެއް ބެލުން ނުވަތަ ރައްޓެއްސަކާ ބައްދަލުކުރުން ކަމުގައިވެސް ވެދާނެ އެވެ. އެހެނީ އިތުބާރު ކުރެވޭ ރައްޓިއްސަކާ ނުވަތަ އާއިލާގެ މެންބަރަކާ ފިކުރު ބޮޑު ވާހިނދު އެ ކަންކަން ހިއްސާ ކުރުމަކީ ތިމާއަށް އެ ފިކުރުތަކުން ލުއިއެއް ލިބުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނުވަތަ ކައުސިލަރަކާ ހިއްސާ ކުރެވިދާނެއެވެ.

އެންޒައިޓީ ޑިސްއޯޑާގެ މައިގަނޑު ފަރުވާ އަކީ ސައިކޯތެރަޕީ އެވެ. މިއީ ތަމްރީން ލިބިފައިވާ ސައިކަޓްރިސްޓް ޑޮކްޓަރުންނާއި ވާހަކަ ދައްކައިގެން މައްސަލަތަކަށް ލުއިއެއް ހޯދުމެވެ. އަދި ބައެއް ހާލަތްތަކުގައި އެންޒައިޓީ ޑިސްއޯޑާގެ ސީރިއަސް މިނަށް ބަލާފައި ފަރުވާއެއްގެ ގޮތުގައި ބޭސް ވެސް ބޭނުން ކުރުމަށް ޑޮކްޓަރު ލަފާދެއްވާފާނެ އެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި މިއީ ސައިކޯތެރަޕީ ނުވަތަ ވާހަކަ ދައްކައިގެން ވަރަށް ބޮޑު ލުއިއެއް ލިބުވައިދުނުމުގެ ފުރުސަތު އޮތް ބައްޔެކެވެ.

ހިތާމައަކީ އަދިވެސް ދިވެހި ރާއްޖޭގައި މިފަދަ ނަފްސާނީ ބަލިތަކާމެދު އޮންނަ ހޭލުންތެރިކަން ކުޑަ ވެފައި ކައުންސިލަރެއް ނުވަތަ ސައިކޮލޮޖިސްޓްއެއް ކައިރިއަށް ލަފާ ހޯދާ މަޝްވަރާ ކުރުމަށް ދިއުމަކީ އާންމު ކަމަކަށް ނުވުމެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި މިފަދަ އެހީއަށް އެދި ދަނީ "ބޯ ހަމަ ނުޖެހޭ" ނުވަތަ ވަރަށް ހިތްވަރުދެރަ ނިކަމެތި މީހުނެވެ. އަދި އީމާންތެރިކަން ވަރުގަދަ ނޫނީ ކަމަށް ބުނެވެސް އިނގިލި ދިއްކުރެ އެވެ.

ގަވައިދުން ނަމާދުކޮށް ގުރުއާން ކިޔެވުން އަދި އެހެނިހެން ސުންނަތްތަކާއި ދީނީ ކަންކަމަށް ސަމާލު ވުމަކީ އަގީދާ ވަރުގަދަކޮށް ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް މަގު ފަހި ކުރުވާނެ ކަމެއްކަމާ މެދު ޝައްކެއް ނުކުރަމެވެ. އެހެނީ ދީނީ ކަންކަމަށް ފަރުވާތެރި ވުމަކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރުމަށް އެހީތެރިވެދޭނެ އެންމެ މުހިންމު އެއް ކަމެވެ.

ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ މީހަކުވެސް މިފަދަ ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެދާނެ ކަމެވެ. ވުމާއެކު، ގާތްތިމާގެ ނުވަތަ ރަހްމަތްތެރިޔަކު މިފަދަ އުނދަގޫތަކެއް ތަޖުރިބާ ކުރެވިގެން ހިއްސާ ކޮށްފިނަމަ އެ ފަރާތްތަކަށް ދެވެން އޮތް އެންމެ ފުރިހަމަ އެހީއަކާއި އެއްބާރުލުން ދިނުން ވަރަށް މުހިންމު ވާނެ އެވެ.