ހަބަރު

ދިވެއްސެއްގެ އަންބަކު އިންޑޮނޭޝިއާގެ މަޖިލިސް ގޮނޑިއަށް

Apr 27, 2019
27

އިންޑޮނޭޝިއާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ގައުމުގެ ޖަކާޓާ ސައުތު ދާއިރާއަށް ވާދަ ކުރައްވައި، ދިވެއްސެއްގެ އަނބިކަނބަލަކު އެ ގައުމުގެ މަޖިލީހުގެ މެމްބަރު ކަމަށް ހޮވިވަޑައިގެންފި އެވެ.

މި އިންތިހާބުގައި ޖަކާޓާ ސައުތަށް ވާދަ ކުރެއްވި ބޭފުޅުންގެ ތެރެއިން ނުވަ މެންބަރަކު އެ ދާއިރާއިން އިންތިހާބު ކުރަން ޖެހޭއިރު ރާއްޖޭގައި ތައުލީމީ އަދި އަދަބިއްޔާތުގެ ދާއިރާއިގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ އަހުމަދު ހަލީމްގެ އިންޑޮނޭޝިއާގެ އަނބިކަނބަލުން ތަތީ ރަހުމަވަތު އަށް ލިބި ވަޑައިގެންނެވީ ފަސް ވަނަ އެވެ. އެ ދާއިރާގައި ޖުމްލަ 180 ކެންޑިޑޭޓުން ވާދަ ކުރި އެވެ.

ވަރަށް ރީތި ލަ ވަތައް ހައްދަވާފައިވާ އަދި ޅެންވެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ކަމެއް ހޯއްދެވި، ކުރީގެ އެމްއީއެސް ހިންގެވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ހަލީމް މިރޭ ވިދާޅުވީ އޭނާގެ އަނބިކަނބަލުންނަކީ އެ ކަމަނާގެ ވަރަށް ޒުވާން އުމުރުން ފެށިގެން ސިޔާސީ ދާއިރާގައި އުޅުއްވެވި އަދި އެ ގައުމުގެ ކުރީގެ ރައީސް އަބްދުލް ވާހީދުގެ ޕީކޭބީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ޕީކޭބީ ނިސްބަތް ވަނީ އިންޑޮނީޝއާގެ މިހާރުގެ ރައީސް ޖޯކޯ ވިދޯދޯގެ ވެރިކަން ކުރާ ކޯލިޝަނަށެވެ.

"މިދިއަ އިންތިހާބުގައި ވެސް އޭނާ ވާދަ ކުރެއްވި އެކަމަކު އެފަހަރު ކާމިޔާބުވާ ގޮތެއް ނުވި. އޭގެ ފަހުން ވެސް އުޅުއްވީ މަޖިލިސް ތެރޭގައި. މެންބަރެއްގެ ސެކްރެޓަރީ ކަމުގައި މަޖިލިސް ތެރޭއި. މިފަހަރު އިންތިހާބުގެ ހަމަސް ކުރިން ކެމްޕޭނަށް ނުކުމެ ވަޑައިގެން ކެމްޕޭން ކުރައްވާ ކާމިޔާބު ހޯއްދެވީ،" ހަލީމް ވިދާޅުވި އެވެ.

ކުރިން ދިވެއްސަކާ ކައިވެންޏެއް ކުރައްވާ ދެ ބޭފުޅުން ލިބި ވަޑައިގެންފައިވާ ހަލީމް އޭނާގެ މިހާރުގެ އަނބިކަނބަކުން ތަތީ އާ ބައްދަލުވެ ވަޑައިގަތީ ބިޒްނަސްގެ ދާއރާއިން ޑިގްރީއެއް ހާސިލް ކުރެއްވުމަށް އޭނާ ސްރީލަންކާގައި ކިޔަވާ ވިދާޅުވާން އުޅުއްވުމުގެ ތެރޭ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޔުނިވާސިޓީގެ ކްލާހަކުންނެވެ.

"ފަހުން ބިޒްނަސް ކިޔެވި ނަމަވެސް އަދިވެސް އަޅުގަނޑު މަސައްކަތް މި ކުރަނީ ހަމަ އެޑިއުކޭޝަން ދާއިރާގައި ހަމަ ކުރިއެކޭ އެއްގޮތަށް އަދަބީ މަސައްކަތްތައް ވެސް ހުއްޓައެއް ނުލަން،" އޭނާ ވިދާޅު އެވެ. "އެކަމަކު މިހާރު ވިޔަފާރިއަށް ޝައުގުވެރިކަން ބޮޑުވެއްޖެ އެ މަސައްކަތް ފެށިއްޖެ ވެސް މެ،"

އިންޑޮނޭޝިއާގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 22 ގަ އެވެ. ހުވާ ކުރުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ހަލީމް ވިދާޅުވީ އޭނާގެ އަނބިކަނބަުންނަށް ކާމިޔާބީ ހޯދައިދޭން އޭނާ ވެސް ކެމްޕޭނުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި ކެމްޕޭން ގެންދިޔައީ މިހާރު ރާއްޖޭގައި ވެސް ކެމްޕޭން ކުރާ ގޮތަށް ދޮރު ދޮރަށް ހިނގުން އިސްކޮށް ސިޔާސަތުތައް ކިޔައި ދީގެން ކަމަށެވެ. އަދި ވިދާޅުވީ އެއީ އިންޑޮނޭޝިއާގައި އަދި އާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެކަން ވެގެން ދިޔައީ އޭނާއަށް ވެސް އުފާވެރި އަދި މަޖާވެސް ތަޖުރިބާއަކަށް ކަމަށެވެ.

ހަލީމް ވިދާޅުވީ އަނބިކަނލުން ރާއްޖެއަށް ވަރަށް ބޮަޑަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށާއި މިހާރު ވެސް އޭނާގެ މަސައްކަތްތަކެއްް ރާއްޖޭގައި ފެށިވާއިރު ތައުލީމާއި ވިޔަފާރީގެ ދާއިރާއިން ރާއްޖެއަށް ފައިދާތަކެއް ހޯދައި ދެއްވުމަށް އަނބިކަނބަލުން މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ރާއްޖެ އާއި އިންޑޮނޭޝިއާއާ ދެމެދު އޮތް ގުޅުން ވެސް އިތުރަށް ބަދަހިކޮށް ދެއްވާނެ ކަމަށެވެ.