ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ކުރި ހުކުމަކީ ފްރޭމް ކުރުުމުގެ އަމަލެއް ކަމަށާއި، އެކަން ކޮށްފައިވަނީ ނައިބު ރައީސް ކަމުގެ މަގާމުން ވަކި ކުރަން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.
އަދީބު މިހެން ވިދާޅުވީ، ފިސްތޯލައެއް ގެންގުޅުއްވި ކަމަށްބުނެ އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ އިލްތިމާސް އަޑުއެހުމުގައި ސްޕްރީމްކޯޓުގެ ފަނޑިޔާރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިއަދު އޮތް ޝަރީއަތުގެ މަޖިލީޖުހައި 2015 ވަނަ އަހަރުގެ މޭޑޭގައި އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަަމަށްބުނެ އޭނާގެ މައްޗަށް ދަށުކޯޓުން ވަނީ 10 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާފަ އެވެ. އަދި އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ އަދީބުގެ ފަރާތުން އިލްތިމާސަށް ކުރުމުން ސްޕްރީމްކޯޓުގެ ފަނޑިޔާރަކު ވަނީ ދައުވާގައި ބުނާ ހަތިޔާރު ދުވަހަކު ވެސް ގެންގުޅުއްވިންތޯ އާއި، ހެކިވެރިން އެގޮތަށް ހެކިބަސްދީފައި ވަނީ ކީއްވެތޯ ސުވާލު އައްސަވާފަ އެވެ. ޖަވާބުގައި އަދީބު ވިދާޅުވީ، ދުވަހަކުވެސް ހަތިޔާރު ގެންގުޅުއްވާފައި ނުވާނެ ކަމަށާއި، އެއީ ސިޔާސީ ގޮތުން ކޮށްފައިވާ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި އެ ތުހުމަތުތަކުން އޭނާ ފްރޭމް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އަދީބު ވިދާޅުވީ، އެ މައްސަލައިގައި ހެކީން ދީފައިވަނީ ކަނޑައެޅިގެން ދޮގު ހެކި ކަމަށާއި 2015 ވަނަ އަހަރުގެ މޭޑޭގައި ހިނގައިދިޔަ ކަމަށްބުނާ ކަމަކަށް އޭނާ ހައްޔަރު ކުރުމުގެ ވެސް މާފަހުން ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އެ ދައުވާ ކުރުމަކީ ވެސް ނައިބު ރައީސް ކަމުން ވަކި ކުރަން ސިޔާސީ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
އަދީބު މިއަދު ކޯޓަށް ވަޑައިގަތީ ކޯޓު ފަޓުލޫނު ތުރުކުރައްވައިގެނެވެ. މިއަދު ވަނީ އެ މައްސަލައިގައި އަޑުއެހުންތައް ސްޕްރީމްކޯޓުން ނިންމާލާފަ އެވެ. ދެން އޮންނާނީ އެމައްސަލައިގެ ހުކުމް އިއްވުމެވެ.