ހަބަރު

ޖަލު އަމުރު އޮއްވާ ގޭބަންދަށް ބަދަލު ކުރެވިދާނެތޯ ސުވާލު އުފައްދައިފި

ވަކި ގޮތެއް ނިންމަންދެން ރިމާންޑް ޖަލެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައި އޮތްވައި ސަރުކާރަށް އޭނާ ގޭބަންދަށް ބަދަލު ކުރެވިދާނެތޯ ސުވާލު އުފައްދައިފި އެވެ.

މި ސުވާލު އުފައްދަވާފައިވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒެވެ.

"ސުޕްރީމް ކޯޓުގެ އަމުރުގައި ހުށަހަޅާފައިވާ މައްސަލައެއްގައި އެހެން ގޮތަކަށް އަންގަންދެން އަދީބު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައި އޮތްވައި ޓެގް އެޅުވުމަށްފަހު ގޭބަންދަށް ބަދަލު ކުރެވުނީ ސުޕްރީމް ކޯޓު އެހެން ގޮތަކަށް އަންގައިގެންބާ؟ ނުވަތަ ގެއަކީ ރިމާންޑް ޖަލަކަށް ވާތީބާ؟،" މުއިއްޒު ސުވާލު އުފެއްދެވި އެވެ.

އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު ޓެގް އެޅުވުމަށްފަހު އަދީބު ގެއަށް ބަދަލުކޮށްފައިވަނީ ހޯމް މިނިސްޓްރީން އަންގައިގެން ކަރެކްޝަނަލް ސާވިސްއިންނެވެ. ކޯޓު އަމުރުގެ ދަށުން ޖަލުގައި ތިބޭ މީހުންނަށް ގޭބަންދަށް ބަދަލުކޮށް ލުއި ދިނުމަކީ ގެންގުޅޭ އުސޫލެކެވެ. އެކަމަށް ކަރެކްޝަނަލް ސާވިސްއިން ކޯޓު އަމުރެއް ނުހޯދަ އެވެ. އެ ލުއި އާންމުކޮށް ދެނީ ސިއްހީ ހާލަތަށް ބެލުމަށްފަހު އެވެ.

ނަމަވެސް ބައެއް މައްސަލަތަކުގައި ސިއްހީ ހާލަތުގެ ގިނަ ކަންކަން ފާހަގަކޮށް ކަރެކްޝަނަލް ސާވިސްއަށް ހުށަހެޅުމުން ވެސް ކޯޓުން އެގޮތަށް އަމުރު ނުކުރާތީ ގެއަށް ބަދަލުނުކޮށް ވެސް އެބަހުއްޓެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި އެމީހުން ކޯޓު އަމުރަކަށް އެދޭއިރު ކަރެކްޝަނަލް ސާވިސްއިން މަޑުކުރަނީ ކޯޓުން ގޮތެއް ނިންމަންދެނެވެ.

އާންމުކޮށް ލުއިދީ ގެއަށް ބަދަލު ކުރަނީ ސިޔާސީ ބޭފުޅުންނެވެ. އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވެސް ގެއަށް ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ސިއްހީ ހާލަތަށް ބެލުމަށްފަހު ގެއަށް ބަދަލުކުރީ މިދިޔަ ފެބުރުއަރީ މަހު އެވެ. އެއީ ވެސް ކޯޓު އަމުރެއް ގޭބަންދަށް ބަދަލުކުރުމަށް ނެތީހެވެ. އޭނާ އެންމެ ފަހުން ޝަރީއަތުގެ މަޖިލީހެއްގައި މިހާރު ސިއްހީ އެއްވެސް މައްސަލައަކަށް ބޭސް ކުރަމުން ނުދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުން އަދީބު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ކުރީ އޭނާއާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ މާބިންހުރާ މައްސަލާގައި ވަކި ގޮތެއް ނިމެންދެނެވެ. އެ މައްސަލާގެ އަޑުއެހުންތައް އަދި ކުރިއަށް ނުދެ އެވެ. އެހެންކަމުން މިހާރު ކަރެކްޝަނަލް ސާވިސްއިން އަމަލު ކުރަމުން ދަނީ އެ އަމުރުގައި އޮތް ގޮތަކަށް ނޫނެކެވެ. އަދި މިކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދި ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވެސް ވަރަށް ބޮޑަށް ވަނީ އަދީބު ޖަލުގައި ބަހައްޓަން ބޭނުންވާކަން ފާހަގަކޮށްފަ އެވެ. އަދީބުގެ ފަރާތުން ގޭބަންދަށް ޖަހައިދިނުމަށް އެދުނު ނަމަވެސް އެކަމަށް ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އިންކާރު ކުރި އެވެ. ސުޕްރީމް ކޯޓުން އެ އަމުރު ނެރުނީ ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެކަމަށް ވަރަށް ބޮޑަށް އެދެމުންދާތީ އެވެ. އެހެން އޮތްވައި ކަރެކްޝަނަލް ސާވިސްއިން އަދީބު ގެއަށް ބަދަލުކުރީ ޕްރޮސިކިއުޓާ ޖެނަރަލްގެ ލަފާއާއެކު ކަމެއް ވެސް ސާފެއް ނޫނެވެ.