ހަބަރު

ކޮންގްރެސްގެ ޕާޓީގެ އެސްޖީގެ މަގާމަށް ގީލާ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ގީލާ އަލީ އައްޔަނު ކޮށްފި އެވެ.

ޕީއެންސީގެ އެސްޖީގެ މަގާމު ގީލާ އަށް އައްޔަން ކޮށްފައިވަނީ އެ ޕާޓީގެ ރަޖިސްޓްރާގެ މަގާމުގައި ހުންނަވަނިކޮށެވެ. ގީލާ އަށް ރަޖިސްޓްރާގެ މަގާމު ހަމަޖެއްސުމުގެ ކުރިން އޭނާ ވަނީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން، ހެލްތު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަމާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފައި ވެ އެވެ.

މި އަހަރުގެ މަޖިލިސް އިންތިހާބުގައި ގީލާ ވަނީ، ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލާފަ އެވެ. ނަމަވެސް، އެ ދާއިރާއަށް އިންތިހާބު ވެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ފަލާހް އެވެ.

ޕީއެންސީގެ ކޮންގްރެސް އިއްޔެ ނިންމާލާފައިވާއިރު ކޮންގްރެސްގެ ރައީސަކަށް އައްޔަން ކުރީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި، ނައިބު ރައީސުންނަށް ހަތަރު މީހަކު ވަނީ އައްޔަން ކޮށްފަ އެވެ.