ހަބަރު

ފަލާހު ވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފި

Aug 26, 2019
2

އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހު، އިދިކޮޅު ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ. ޕާޓީގައި އިސްކޮށް އުޅުއްވި ފަލާހު ޕާޓީއިން އިސްތިއުފާ ދެއްވީ މިއަދު އެވެ.

އިސްތިއުފާ ދެއްވި ކަމަށް ފަލާހު ވަނީ ޓްވީޓް ކުރައްވާފަ އެވެ. ނަމަވެސް އޭގެ ސަބަބެއް ވިދާޅުވެއް ނުވެ އެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން ފަލާހާއި އަދިވެސް އެހެން ބައެއް ކުރީގެ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއަށް ގުޅެން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް މިކަމުގައި އެ ޕާޓީގެ ބަހެއް ނުލިބެ އެވެ.

ޕީޕީއެމްއިން ފަލާހު އިސްތިއުފާ ދެއްވާފައިވާއިރު އެ ޕާޓީގެ ހަރަކާތްތަކުން އޭނާ ނުފެންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ޕީޕީއެމްގެ ޓިކެޓްގައި އިނގުރައިދޫ ދާއިރާއަށް ކުރިމަތިލައްވައިގެން މިހާރު އޭނާ ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ފަހުން މި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފަލާހު ތާއިދު ކުރައްވައި ވާހަކަ ވެސް ދެއްކެވި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް ފަލާހު އިސްތިއުފާ ދެއްވާފައިވާއިރު ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވެސް ވަނީ ޕީއެންސީއިން އިސްތިއުފާ ދެއްވާފަ އެވެ.

ނިހާން ހުންނެވީ ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އޭނާ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެ މަގާމުންނާއި ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅުވެއް ނުވެ އެވެ.

ނިހާން، އިދިކޮޅު ޕީއެންސީއިން ވަކިވެވަޑައިގެންފައިވާއިރު އެ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވައި ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. މިފަހުން ޕާޓީގެ ހަރަކާތްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުން ނިހާން ނުފެނެ އެވެ.