ޕީޕީއެމްގައި ވަރަށް އިސްކޮށް އުޅުއްވުމަށްފަހު ޕީއެންސީއާ ގުޅިވަޑައިގެންނެވި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން އެ ޕާޓީއިން ވަކިވެވަޑައިގެންފި އެވެ.
ނިހާން ހުންނެވީ ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އޭނާ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެ މަގާމުންނާއި ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅުވެއް ނުވެ އެވެ.
ނިހާން، އިދިކޮޅު ޕީއެންސީއިން ވަކިވެވަޑައިގެންފައިވާއިރު އެ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވައި ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. މިފަހުން ޕާޓީގެ ހަރަކާތްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުން ނިހާން ނުފެނެ އެވެ.
މިހާރު އެންމެ ހޫނުވެފައިވާ އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލާގައި އޭނާ އާއި ޕީއެންސީގެ ހިޔާލު ތަފާތު ކަމަށް ބެލެވެ އެވެ. ޕީއެންސީއިން އެކަމަށް ފާޑުކިޔާފައިވާއިރު ނިހާން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ޖޯޑަންގައި ވެސް އަންހެން ފަނޑިޔާރުން ތިއްބަވާކަން ހާމަ ކުރެއްވުމަށް ޓްވިޓެއް ކުރައްވާފަ އެވެ.
ނިހާންއަކީ ނިމިގެންދިޔަ މަޖިލީހުގައި އެންމެ ހަރަކާތްތެރި އެއް މެންބަރެވެ. އެ މަޖިލީހުގައި މެޖޯރިޓީ ލީޑަރަކީ އޭނާ އެވެ. އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރަކީ ވެސް ނިހާން އެވެ. އިދިކޮޅު ޕީއެންސީއިން ނިހާން އިސްތިއުފާ ދެއްވުމަށްފަހު ދެން މިސްރާބު ޖައްސަވާނީ ކޮން ދިމާލަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.