ހަބަރު

ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު ވަރަށް އުޖާލާ: ޝޯކޯ ނޯޑާ

ރާއްޖޭގެ ގާނޫނު އަސާސީގައިވާ ހައްގުތަކާއި، މިނިވަންކަން ހޯދައިދިނުމުގައި މިހާރު އިތުރު ބާރެއް ލިބިފައިވާކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައި އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނޯޑާ ވިދާޅުވެއްޖެ އެވެ.

އ.ދ.ގެ ތަރައްގީގެ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްކަންވެސް ކުރައްވާ ޝޯކޯ ނޯޑާ އެގޮތަށް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގަ އެވެ. އެ ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އެން.ޑީ.ޕީ. އިން ވޭތުވެދިޔަ ދުވަސްތަކުގައި ކޮށްދެއްވާފައިވާ މުހިންމު ކަންތައްތަކާއި އަދި މިހާރު ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކާއި، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ކަންތައްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އެބައްދަލުކުރެއްވުމުގައި ޝޯކޯ ނޯޑާ ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ ރައީސް ސޯލިހު ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ޝުކުރު އަދާކުރައްވާ ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ކުރުމާއި، އަންހެނުން ބާރުވެރިކުރުމާއި، އިގްތިސާދު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވައި އެކަންކަން ހާސިލުކުރުމުގައި ޔޫ.އެން.ޑީ.ޕީ. އިން އެއްބާރުލުން ދެވެން އޮތް މިންވަރަކުން އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ހޯއްދެވި ކާމީޔާބީއަށާއި، ނިމި ދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ ރައްޔިތުން ސަރުކާރަށް މި ދެއްވި ތާއީދަކީ ސަރުކާރުގެ ޝަރުއީ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.