ދުނިޔެ

އިންޑިއާ އިންތިހާބުގެ ހަތަރުވަނަ ބައި ފަށައިފި

އިންޑިއާ ލޮކްޝަބާ އިލެކްޝަންގެ ހަތަރުވަނަ ފިޔަވަހީގައި މިއަދު ވޯޓްލާން ފަށައިފި އެވެ. މިފަހަރު ވެސް ވޯޓުގެ ވަގުތު ޖެހުމުގެ މާ ކުރިން ސަފުތައް ހަދަން ފަށާފައި ވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އިންތިހާބުގެ ހަތަރުވަނަ ފިޔަވަހީގައި ނުވަ ސްޓޭޓަކުން 71 ގޮނޑިއަށް ވާދަ ކުރާއިރު 127 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލާނެ އެވެ.

މިފަހަރު ވާދަ ކުރާ ގިނަ ގޮނޑިތައް ހިމެނެނީ އިންޑިއާ އިލެކްޝަންތަކުގައި އަބަދުވެސް އެންމެ ގިނަ ގޮނޑިތަކަށް ވާދަކުރާ އުއްތަރު ޕްރަދޭޝް އާއި މުމްބާއީ ހިމެނޭ މަހާރަޝްތުރާ އެވެ. އިންޑިއާގެ އެންމެ މުއްސަދި ސިޓީގެ އިތުރުން އެ ގައުމުގެ މަޝްހޫރު ބޮލީވުޑް އިންޑަސްޓްރީ ހިމެނޭ މުމްބާއީގައި ހަ ގޮނޑިއަކަށް ވާދަ ކުރާނެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ބޭއްވި އިލެކްޝަންގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކޯލިޝަނުން އުއްތަރު ޕްރަދޭޝް އަދި މަހާރަޝްތުރާގެ ދެ ސަރަހައްދުން ބޮޑު އަޤްލަބިއްޔަތެއް ހޯދާފައި ވެއެވެ.

އެ ފަހަރު މޯދީގެ ކޯލިޝަނުން 75 ޕަސެންޓްގެ ވޯޓު ކާމިޔާބުކޮށްފައިވީ ނަމަވެސް މިފަހަރު އެފަދަ ކާމިޔާބީއެއް ހޯދުން ފަސޭހަ ނުވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުން ނެވެ. މި ގޮތަށް އަންދާޒާކުރާ ސަބަބަކީ އިދިކޮޅު ކޮންގްރެސް ޕާޓީއިން އެ ދެ ސަރަހައްދުގައި ވަޒީފާ ހޯދުމުގެ ދަތިކަމާއި ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިކަމަށް ހައްލެއް ހޯދާދިނުމަށް ވައުދުތައް ވެފައިވާއިރު ބޮޑުވަޒީރު މޯދީގެ ފަރާތުން އެފަދަ ވާހަކައެއް އަޑު އިވިފައި ނުވާތީ އެވެ.

ހަތް ފިޔަވައްސަކަށް ބަހާފައިވާ އިލެކްޝަންގެ އެންމެ ފަހު ބުރުގެ ވޯޓުލުން ނިމޭނީ މޭ މަހުގެ 19 ގައެވެ. އަދި ވޯޓުލާ ނިމޭތާ ހަތަރު ދުވަސް ފަހުން މުޅި އިންތިހާާބުގެ ނަތީޖާ އިއުލާން ކުރާނެ އެވެ.

އިންޑިއާގެ ލޮކްޝަބާ އިންްތިހާބުގައި 900 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ. އަދި އެ ގައުމުގައި 2354 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައިވާ ވެއެވެ.