މިމަހުގެ 17 ވަނަ ދުވަހު އިންޑޮނޭޝިއާގައި ބޭއްވި އިންތިހާބުގައި މަސައްކަތް ބުރަވެގެން ކުރިމަތިވި ސިއްހީ މައްސަލަތަކުގައި 270 އަށް ވުރެ ގިނަ އިލެކްޝަނު އޮފިޝަލުން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
އަތުން ވޯޓު ގުނުމުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހުމުގެ ސަބަބުން، ވަރުބަލިކަމުގެ ހާލަތުގައި ކުރިމަތިވި ސިއްހީ އެކި މައްސަލަތަކުގައި އިތުރު 1،800 އެއްހާ ސްޓާފުންނަށް ފަރުވާ ދޭން ޖެހިފައިވާ ކަމަށް އިންޑޮނޭޝިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިންޑޮނީޝިއާގައި ފުރަތަމަ ފަހަރަށް ތިން އިންތިހާބު އެކުގައި ބޭއްވި އިންތިހާބުގައި ހަތް މިލިއަނަށް ވުރެ ގިނަ އިލެކްޝަން އޮފިޝަލުން ވަނީ ހަރަކާތްތެރިވެފަ އެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 193 މިލިއަން މީހުންގެ 80 ޕަސަންޓް މީހުން ވަނީ 800،000 ގިނަ މަރުކަޒުތަކުގައި ވޯޓުލައިފަ އެވެ.
އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހުމުގެ ސަބަބުން މިހާތަނަށް 272 އޮފިޝަލުން މަރުވެފައިވާ ކަމަށެވެ. އެއިން ކޮންމެ ސްޓާފެއްގެ އާއިލާއަކަށް ބަދަލުގެ ގޮތުގައި 36 މިލިއަން ރުޕިއާ (2،500 އެމެރިކާ ޑޮލަރު) ދޭން އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެކަމާއި ގުޅިގެން ތިން އިންތިހާބު އެއްކޮށްލަން ސަރުކާރުން ނިންމާފައިވަނީ، އިންތިޒާމްތަކަށް ވިސްނާލުމެއްނެތި ކަމަށް ބުނެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފަ އެވެ.
ވޯޓުގުނުން ނިންމައި، ރިޔާސީ އިންތިހާބުގެ އިތުރުން އާންމު އިންތިހާބުގެ ނަތީޖާ އަންނަ މަހުގެ 22 ވަނަ ދުވަހު އިއުލާނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.