ހަބަރު

ރިލްވާން މައްސަލާގައި އެޗްއާރްސީއެމުން ފުލުހާ ބައްދަލުކޮށްފި

Apr 29, 2019
2

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފުލުހުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދައިފި އެވެ.

އެޗްއާރްސީއެމުން ބުނީ، ރިލްވާން ގެއްލުނު މައްސަލާގައި ފުލުހުން ކުރިޔަށް ގެންދާ ތަހުގީގުތައް މޮނިޓާކޮށް، ތަހުގީގު އަވަސް ކުރަން ބާރު އަޅާ ކަމަށާއި ތަހުގީގު ކުރިޔަށް ގޮސްފައިވާ ހިސާބުގެ އަޕްޑޭޓް ގަވާއިދުން ލިޔުމުންނާއި ބައްދަލުކޮށްގެން ހޯދާ ކަމަށެވެ.

ރިލްވާން މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ޝަރީއަތްތަކުގެ އަޑުއެހުމަށް ކޮމިޝަނުން
ކޯޓަށް ހާޒިރުވެފައިވެއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި ފުލުހުންގެ ތަހުގީގާއި ގުޅޭގޮތުން
ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ބައްދަލުވުންތައް ބާއްވައި މަޝްވަރާވެސް ކޮށްފައިވެ އެވެ.

މަރުތައްް ބަލާ ކޮމިޝަނުން ވެސް ރިލްވާން މައްސަލަ ތަހްގީގު ކުރެ އެވެ. އެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައިވަނީ، އެ މައްސަލައިގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ރިލްވާންގެ ތަހުގީގާ ގުޅޭ ބައެއް ވީޑިއޯތައް ފުލުހުން އާންމުކުރި އެވެ. ވީޑިއޯތަކަށް ބިނާކޮށް ފުލުހުން ބުނެފައި ވަނީ ރިލްވާން ގެއްލުވާލި ރޭ އޭނާއަށް ދެ މީހަކު ފާރަލީ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކާރެއްގައި ހުރި އިސްތަށިން ހޯދުނު ޑީއެންއޭ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ބުނެ އެވެ.

ރިލްވާންގެ ގެއްލުވާލި މައްސަލާގައި ދެ މީހަކަށް ދައުވާކޮށް، އެ މައްސަލާގައި ޝަރީއަތް ނިމުނު އިރު މައްސަލަ ސާބިތެއް ނުވި އެވެ.