ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިހާތަނަށް ކުރި މަސައްކަތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކޮށްފި އެވެ.
އެޗްއާރުސީއެމް އިން މިއަދު ބުނީ ރިލްވާންގެ މައްސަލައާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނުން ކުރި މަސައްކަތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާނެ ކަމަށެވެ. އެ ރިޕޯޓުގައި ރިލްވާންގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ފާހަގަ ކުރެވުނު ކަންތައްތަކާއި ފުލުހުންގެ ތަހުގީގާއި ގުޅޭ ގޮތުން ކޮމިޝަނަށް ފާހަގަ ކުރެވުނު ކަންތައްތަކާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ކޮމިޝަނުން ކުރި ބައްދަލުވުންތަކުގެ މައުލޫމާތު ހިމެނޭ ކަމަށް އެޗްރާއުސީއެމް އިން ބުންޏެވެ.
ރިލްވާންގެ މައްސަލާގައި އެޗްއާރުސީއެމްއިން މިހާތަނަށް ކުރި މަސައްކަތުގެ ރިޕޯޓު މަޖިލީހަށް ފޮނުވާފައި މި ވަނީ ރިލްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ބަލަން މަޖިލީހުން ނިންމާފައި ވަނިކޮށެވެ. އެ ގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ފުލުހުން އިސްވެރިން ހާޒިރު ކުރަން ނިންމައިފަ އެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުނީ އޮގަސްޓު 2014 ގަ އެވެ. އޭނާ ގެއްލުނުތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވީއިރު އަދިވެސް އޭނާ ވީތަނެއް ނޭނގެ އެވެ. އެ މައްސަލައަކީ ގެއްލުވާލާފައިވާ މީހުންނާއި މާރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.