ހަބަރު

ރިލްވާންގެ މައްސަލަ ދިރާސާ ކުރާ ކޮމިޓީ ސިއްރުކޮށްފި

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ދިރާސާ ކުރަން މިއަދު ބޭއްވި ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފި އެވެ.

އެނގިފައިވާ ގޮތުގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު ކުރީ ރިލްވާންގެ މައްސަލައާ ގުޅިގެން ދައުލަތުގެ އެކި މުއައްސަސާތަކުން ސިއްރު ލިޔެކިޔުންތަކެއް ކޮމިޓީއަށް ފޮނުވާފައިވާތީވެ އެ ލިޔެކިޔުންތައް ދިރާސާ ކުރަން ކޮމިޓީގެ މެންބަރުން ނިންމެވުމުންނެވެ. މީޑިއާއަށް ނުވަދެވޭ ގޮތަށް ކޮމިޓީ ބައްދަލުވުންތައް ސިއްރު ކުރަނީ އެ ގޮތަށް ކުރިއަށް ގެންދަން ކޮމިޓީގައި ހިމެނޭ މެންބަރުންގެ ވޯޓުން ފާސްކޮށްގެންނެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ބަލަން ފުލުހުންގެ އިދާރާގެ އިސްވެރިން ހާޒިރު ކުރަން ވެސް 241 ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ނިންމި އެވެ. ނަމަވެސް ފުލުހުން ހާޒިރު ކުރާނެ ވަކި ތާރީހެއް އެ ދުވަހަކު ކަނޑައެއް ނާޅައެވެ. އެނގިފައިވާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި އެ ކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.

ރިލްވާންގެ މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިހާތަނަށް ކުރި މަސައްކަތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ އިއްޔެ ބުނެފަ އެވެ.

ރިލްވާން ގެއްލުނީ އޮގަސްޓު 2014 ގަ އެވެ. އޭނާ ގެއްލުނުތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވީއިރު އަދިވެސް އޭނާ ވީތަނެއް ނޭނގެ އެވެ. އެ މައްސަލައަކީ ގެއްލުވާލާފައިވާ މީހުންނާއި މާރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ. އެ މައްސަލައިގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރިޕޯޓުގެ ތަފުސީލުތަކެއް ހާމައެއް ނުކުރައްވަ އެވެ.