ވެމްކޯ

ފުޅި ހަވާލުކޮށްގެން ރުފިޔާއެއް ލިބޭ ކެމްޕޭން ފަށަނީ

ޕްލާސްޓިކް ފުޅި އެއް ހަވާލުކޮށްގެން އެއް ރުފިޔާ ލިބޭ "ރައްދު" ކެމްޕޭން މާދަމާ ފަށަން ނިންމައިފި އެވެ.

މިކެމްޕޭނާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން މިއަދު ވެމްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ ޖެނެރަލް މެނޭޖާ އޮފް އޮޕަރޭޝަން އަހްމަދް ޝާފިއު ވިދާޅުވީ، ރައްދު ކެމްޕޭން އަކީ ޕްލާސްޓިކް ފުޅި އަނބުރާ ދިނުމަށް ހިތަވަރު ދިނުމުގެ ގޮތުން ބާއްވާ ކެމްޕޭނެއް ކަމަށެވެ.

ޝާފިއު ވިދާޅުވީ، ކެމްޕޭނުގެ ދަށުން ވެމްކޯއަށް ބަލައިގަންނާނީ ވަކި ކަހަލަ ސްޓިކާއެއް ޖަހައިފައި ހުންނަަ ފުޅިތަށް ކަމަށެވެ. އެސްޓިކާ ޖަހައިފައި ހުންނަ ފެންފުޅިތަަށް ލިބެން ހުންނަނީ ހުޅުމާލޭގައި ހުންނަ ވެމްކޯ އޮފީސް ކައިރީގައި ހުންނަ ފިހާރަތަކުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވިީ ކެމްޕޭނުގެ ދަށުން ވެމްކޯއަށް ބަލައިގަންނަނީ 10،000 ފުޅި ކަމަށެވެ.

ރައްދު ކެމްޕޭން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިކެމްޕޭން ކުރިއަށް ގެންދާނީ ހަމައެކަނި ހުޅުމާލޭގައި އެވެ. ރައްދު ކެމްޕޭނަކީ ޔޫއެންޑީޕީ އިން ފަންޑު ކޮށްގެން ކުރިއަށްގެންދާ އާބަން އިނޮވޭޝަން ޗެލެންޖުގެ ދަށުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މާދަމާ ފަށަން ނިންމާފައިވާ މިކެމްޕޭނުގައި ޕާޓްނަރުންގެ ގޮތުގައި، އެމްޓީސީސީ، އެޗްޑީސީ، ޔޫއެންޑީޕީ، އޫރިދޫ އާއި ވެމްކޯ ހިމެނެ އެވެ.