މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

މިދިޔަ މަހު އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ: ޖެންޑާ

މިދިޔަ މާޗް މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށް، މަހަކު އެއް ފަހަރު އެ މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިދިއަ މަހުގެ ތަފާސްހިސާބު އާންމު ކުރީ މިއަދު އެވެ. ޖެންޑާ އެ ހިސާބުތަކަށް ބަލާއިރު މިނިސްޓިރީއަށް މިދިއަ މަހު ހުށަހެޅީ 253 މައްސަލަ އެވެ. އޭގެ ތެރެއިން 131 މައްސަލައަކީ ކުދިންނަށް އަނިޔާ ކޮށްގެން ހުށަހެޅި މައްސަލަތަކެވެ. އަދި އެއީ ހުށަހެޅި މައްސަލަތަކުގެ 52 ޕަސެންޓެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކެވެ. އެއީ 38 މައްސަލައެކެވެ. ދެން އެންމެ ގިނައިން ހުށަހެޅީ އިހުމާލުގެ މައްސަލަ އެވެ.

ޖިންސީ ހާނީއްކައިގެ 32 މައްސަލައަކާއި، ނަފްސާނީ ހާނީއްކައިގެ 14 މައްސަލައަކާއި، ގެވެށި އަނިޔާގެ ހަ މައްސަލައެއްގެ އިތުރުން އިންޓަނެޓް މެދުވެރިކޮޑް ބުލީ ކުރުމުގެ ތިން މައްސަލައެއް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ހައްގުތަކުން ކުޑަކުދިން މަހުރޫމް ކުރުމުގެ ހަ މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ސާފު ބޯފެނާއި ކަރަންޓުގެ ހިދުމަތަށް ހުރަސް އެޅިި ހަތަރު މައްސަލައަކާއި ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައަކާއި، އައިޑީ ކާޑާއި، ޕާސްޕޯޓާއި އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ މައްސަލައެކެވެ.

އާއިލީ މައްސަލަތަކުގެ 27 މައްސަލައެއް ހުށަހެޅި އެވެ. އެއީ، ހަލާނާތުގެ 14 މައްސަލައަކާއި، ކުދިން ބެލުމުގެ އަށް މައްސަލައަކާއި، ދަރިންނަށް ހަރަދު ދިނުމުގެ ތިން މައްސަލައެއް ވެސް މިދިއަމަހު ހިމެނެ އެވެ.

ކުޑަ ކުދިން ކުށް ކުރުމުގެ ފަސް މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަަށް މިދިއަ މަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދިނުމުގެ ހަތަރު މައްސަލައެއް ހުށަހެޅި އިރު ވައްކަން ކުރުމުގެ މައްސަލައަކާއި އަހްލާގީ މައްސަލަތަކުގެ 15 މައްސަލައެއް ހިމެނެ އެވެ.

މައްސަލަތަކަށް ބަލާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 38 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައި ވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތަކާއި އުމުރުން ދުވަސްވީ މީހުނާއި ގުޅުން ހުރި 19 މައްސަލައެއް ހިމެނޭއިރު އަމިއްލަ ނަފްސަށް ގެއްލުންދޭން އުޅުނު 12 މައްސަލައެއް ހިމެނެ އެވެ.