ހަބަރު

އާ ޕެސެންޖަރު ޓާމިނަލް ލަސްވެ މުޅި އެއާޕޯޓް މަޝްރޫއުއަށް ހިޔަނި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ ވެއާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލަށް ބޭނުންވާ ފައިސާ ހަމަނުޖެހި، މުޅި އެއާޕޯޓް މަޝްރޫއުގެ ފުރިހަމަ ބޭނުން ނުހިފޭނެ ކަމަށް ޗައިނާ އެމްބަސީން ބުނެފި އެވެ.

ވީއައިއޭ ތަރައްގީ ކުރަން ކުރިއަށް ގެންދާ ބިލިއަނެއްހާ ޑޮލަރުގެ މަޝްރޫއުގެ ދަށުން، ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ އެ މަޝްރޫއު ހަވާލު ކުރިތާ ތިން އަހަރު ވެގެން ދިޔައިރު ވެސް އެންމެ ލަސްކޮށް ދަނީ އެ މަސައްކަތެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ބޭއްވި ޗައިނާގެ ބިޔަ މަޝްރޫއު "ބެލްޓް އެންޑް ރޯޑް" ދެ ދެވަނަ ފޯރަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ރޭ ޗައިނާ އެމްބަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ފަސަންޖަރު ޓާމިނަލު ފިޔަވައި، އެއާޕޯޓް މަޝްރޫއުގައި ހިމެނޭ އެހެން މަސައްކަތްތައް ނިމެން ކައިރިވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު މަސައްކަތް ނިމިފައިވާ އާ ރަންވޭގެ އިތުރުން، ކާގޯ ޓާމިނަލްއަކާއި، ފިއުލް ފާމް، ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރާ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ނަމަވެސް، އާ ޓާމިނަލްގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުގެ ސަބަބުން އެ މަޝްރޫއު ވަރަށް ބޮޑަށް ލަސްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޗައިނާ ސަފީރު ވިދާޅުވި އެވެ.

"ޗައިނާއާ ގުޅުމެއް ނެތަސް، ޓާމިނަލް ލަސްވާ ނަމަ، އެއާޕޯޓްގައި ތަރައްގީ ކުރާ އެހެން ވަސީލްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފޭނެ،" ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސަފީރު އިތުރަށް ވިދާޅުވި އެވެ.

ވީއައިއޭގެ ގިނަ މަސައްކަތް އަންނަ އަަހަރު ނިމޭއިރު، އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލް އެއްކޮށް ނިމޭނީ 2022 ގައި ކަމަށް އެމްއޭސީއެލް އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނި ބުނެފަ އެވެ.