އެޗްޑީސީ

ރަށު މާރުކެޓުގެ 42 ގޮޅިއެއް ކުއްޔަށްދީފި

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ އެޗްޑީސީން ހެދި "ރަށު މާރުކޭޓު" ގޮޅިތައް ކުއްޔަށް ދީފި އެވެ.

އެޗްޑީސީއިން ބުނީ ރަށު މާރުކޭޓުގެ ގޮޅިތައް 42 ފަރާތަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އަދި އެ ގޮޅިތަށް ކުއްޔަށް ދީފައިވަނީ ދެ ބަޔަކަށް ބަހައިގެން ކަމަށެވެ. ރަށުމާރުކޭޓްގައި ހުންނަނީ 57 ގޮޅިއެވެ.

އެ ދެ ބަޔަކީ ޑްރައި ސްޓޯލާއި ވެޓް ސްޓޯލް އެވެ. ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކަން ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކާ ގޮޅިތަކެވެ. މިގޮޅިތަކުގައި 69 އަކަފޫޓް ހުރެ އެވެ. ގޮޅިތަށް ކުއްޔަށް ދޫކޮށްފައިވަނީ މަހަކު 3500ރ. ދައްކަން ޖެހޭ ގޮތަށެވެ.

ރަށު މާރުކޭޓުގެ ގޮޅިތަކަށް 871 ފަރާތަކުން ކުރިމަތިލި އެވެ. ރަށު މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިފައިވަނީ މިއަދު ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގަ އެވެ.

ރަށު މާރުކޭޓަކީ ރާއްޖޭގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮއަގުގައި އެއްތަނަކުން ލިބޭނެ ގޮތް ހަދައިދިނުމަށްޓަކައި ހެދި މާރުކޭޓެކެވެ.

މި މާރުކޭޓް ހެދީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އާ ހަވާލުކޮށްގެނެވެ.