މި އަހަރު ރާއްޖެއިން ހައްޖަށް މީޙުން ގެންދަން 18 ކުންފުންޏަކުން ކުރިމަތިލައިފި އެވެ. މީގެ ތެރެއިން އިސްލާމިކް މިނިސްޓްރީން މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދޭނީ ފަސް ކުންފުންޏަކަށެވެ.
ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދެނީ ޝަރުތުތަކަކަށް ބެލުމަށްފަހު އެވެ. އޭގެ ތެރެއިން އެއް ކަމަކީ 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމެވެ. އަދި ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމަކީވެސް ޝަރުތެކެވެ.
ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހަކަށް ވެގެން ވެސް ނުވާނެ އެވެ. މީގެ އިތުރުން ޕްރޮޕޯސަލްގައިވާ އަގުތަކަށް ބަލައި އެއަށްވުރެ އިތުރަށް ފައިސާ ނުނަގަން ޝަރުތު ކޮށްފަ އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސަރުކާރުން ދެނީ އެއް އަހަރަށެވެ. ސައުދީ ސަރުކާރުން ރާއްޖެއަށް ވަނީ 2000 މީހުންގެ ހައްޖު ކޯޓާ ދޫކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީން ރާއްޖެއިން ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވީ މިމަހު 16 ވަނަ ދުވަހު އެވެ. ޕްރޮޕޯޒަލްގެ ފީ އެއްގެ 10،000ރ ދައްކާ ގޮތަށެވެ.