ވިޔަފާރި

ލަންކާ ހަމަލާގެ ބާނި ރާއްޖޭގެ ގޮނޑުދޮށަށް!

އެޕްރީލް 21 ވަނަ ދުވަހު ހެނދުނު ސްރީލަންކާގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގެ މެއިން ރެސްޓޯރެންޓް ފުރެމުން ދިޔައީ ހެނދުނުގެ ނާސްތާއަށް ޖަމާވި މީހުނާއެކު އެވެ. އީސްޓާ ސަންޑޭއަށް އިރު އަރައިގެން އައި ވަގުތު ސަޔަށް ގޮސްތިބި އެއްވެސް މީހެއްގެ ހިތުގައި އޭރަކު ބިރެއް ނެތެވެ. ގިނަ މީހުންގެ ޝެޑިއުލްގައި އޮތީ ހެނދުނުގެ ސަޔަށް ފަހު، ވިޔަފާރި އާއި އެހެނިހެން ބޭނުން ތަކާ ދިމާއަށް ހެލިގަންނާށެވެ. ނަމަވެސް ކުޑައިރު ކޮޅެއްގެ ތެރޭ ގޮއްވާލި ބާރުގަދަ ބޮމާއެކު މުޅި ރެސްޓޯރެންޓުގެ ތަޅުން ބަދަލުވީ ލޭ ކޯރަކަށެވެ.

ހަމައެ ވަގުތު ލަންކާގެ ކްރިސްޓިއަނުންގެ ބައެއް ފައްޅިތަކާއި އިތުރު ހޮޓަލެއްގައި ބޮމުގެ ހަމަލާ ދިނެވެ. ޖާނު ގޮއްވާލައިގެން ދިން މި ހަމަލަތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެގެންދިޔައިރު، ހަމަލާއާ ހަމައަށް އާއިރު ވަރުގަދަކޮށް، ދުޅަ ހެޔޮކޮށް އޮތް ލަންކާގެ އިގްތިސޯދަށް ވެސް ގުޑުން އަރައިފި އެވެ. އިގްތިސޯދުގެ މައި އެއް ތަނބު ކަމަށްވާ ޓޫރިޒަމް ސިނާއަތަށް ގިނަ ދުވަހަށް ދެމިގެން ދާނެ ބޮޑު ގެއްލުމާ ކުރިމަތިވެއްޖެ އެވެ.

ލަންކާއަކީ ރާއްޖޭގެ އަވަށްޓެރިއާ އެވެ. ރާއްޖެ އޮތީ ލަންކާގެ ބަނޑުދޮށުން "އައްސޭރި ފަށު"ގަ އެވެ. ލަންކާ ހަމަލާގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ ހެއްޔެވެ؟ މިހާރު ކޮށްފި ހެއްޔެވެ؟ އަދި މިހާދިސާއާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ލިބިދާނެ އެއްވެސް އެޑްވާންޓޭޖެއް އެބައޮތް ހެއްޔެވެ؟ މިވެސް ކޮށްލަން ރަނގަޅު ސުވާލުތަކެކެވެ.

ނަން ނުޖެހުމަށް އެދި ވަޑައިގެން ޓްރެވަލް ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ލަންކާގެ ގޮއްވުންތަކުން ވަރަށް ބޮޑު ގެއްލުމެއް ރާއްޖެއަށް ވެސް ވެއްޖެ އެވެ.

"މި ގޮއްވުންތަކުން ރާއްޖެއަށް ގެއްލުން ވެއްޖެ، ހާއްސަކޮށް ރާއްޖޭގައި ހިންގާ ސްރީލަންކާގެ ބޮޑެތި ޕްރޮޕަޓީތަކަށް ބޮޑު ގެއްލުމާ ކުރިމަތިވަމުންދޭ،" ރާއްޖެ އާއި ސްރީލަންކާގައި ގިނަ އެނދުތަކެއް ވިއްކާ ވިޔަފާރި ވެރިޔާ ވިދާޅުވި އެވެ.

ލަންކާ ހަމަލާއަށް ފަހު ފަސް ދުވަސް ފަހުން ސްރީލަންކާގެ ޓޫރިޒަމް ބޯޑުން ބުނެފައިވާ ގޮތުގައި އެ ހަމަލާގެ ސަބަބުން އެ ގައުމުގެ ޓޫރިޒަމަށް 1.5 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 23 ބިލިއަން ރުފިޔާ) ގެ ގެއްލުންވި އެވެ. އެ ހަމަލާތަކުގެ ކުރިއަށް ދާއިރު ސްރީލަންކާ ޓޫރިޒަމުން އަންދާޒާކޮށްފައި ވަނީ މި އަހަރު 2.5 މިލިއަން ޓޫރިސްޓުން އެ ގައުމަށް އަރުވާށެވެ.

ލަންކާ ހަމަލާއާއެކު އެކަތި ފަހަރުން ލަންކާގެ ޓޫރިސްޓް ބުކިންތަކުގެ 50 ޕަސެންޓް ކެންސަލްވެގެން ދިޔައެވެ. އަދިވެސް ދަނީ ކެންސަލް ވަމުންނެވެ. އެއާލައިންތަކުގެ ބުކިންތަކުގެ 10 ޕަސެންޓް ވެސް ކެންސަލް ކުރި އެވެ.

ލަންކާގެ ޓޫރިޒަމްގެ ދާއިރާގެ ތަޖުރިބާކާރުން ދެކެ ވަޑައިގަންނަވާ ގޮތުގައި އަދި ޓޫރިޒަމް ބޯޑުން ވެސް އަންދާޒާ ކުރާ ގޮތުގައި ހަމަލާތަކާއެކު ލަންކާގެ އިގްތިސޯދުގެ ތެރޭގައި އުފެދުނު ބިރުވެރިކަން ފިލައިދާން އަދި ދެ އަހަރު ނަގާނެ އެވެ.

ރާއްޖޭގެ ލަންކާ ރިސޯޓު ތަކަށް ބޮޑު ގެއްލުމެއް

ފުރަތަމަ ކަމަކީ ރާއްޖެ އާއި ލަންކާގެ ޓޫރިސްޓު މާކެޓްގައި ތަފާތު ކަމެއް ހުރުމެވެ. ދެ ގައުމަށް މީހުން ޒިޔާރަތް ކުރާ ގައުމުތައް ވަރަށް ތަފާތެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެއް ނަމްބަރު ގައުމުތަކަކީ ޔޫރަޕް ގައުމުތަކެވެ. ރާއްޖެ އަންނަ މައިގަނޑު ޕަސެންޓަކީ ޔޫރަޕު މީހުންނެވެ.

އެއާހިލާފަށް ލަންކާ ޓޫރިޒަމް އެއްވަނަ މާކެޓަކީ އަށްޓެރި އަދި ބޮޑު ބިޔަ އިންޑިއާ އެވެ. ދެވަނަ އަަށް އޮތީ ޔޫރަޕާއި ޗައިނާގެ މީހުންނެވެ. ރާއްޖޭގެ ޓޫރިޒަމްގައި ލަންކާއަށް އަންނަ މީހުންގެ ތެރެއިން ޗައިނާގެ ނުފޫޒު ވަރަށް އެވެ. މި ތަފާތު ހުރި ނަމަވެސް ރަށު ޓޫރިޒަމްގައި ގެސްޓްހައުސް ވިޔަފާރި ފެށުމާއި ރާއްޖޭގެ ޓޫރިޒަމަށް ހާހުން އިތުރުވި އެނދުތަކާއެކު، ރާއްޖެ އާއި ލަންކާއިން ދިޔައީ "ކޮންބައިން ޕެކޭޖް" ވިއްކަމުންނެވެ. ލަންކާ ހާމަލާއިން ރާއްޖެއަށް ގެއްލުވި މައިގަނޑު ސަބަބަކީ މިއީ އެވެ.

ރާއްޖެ ޕްރޮމޯޓް ކުރަން މަސައްކަތް ކުރާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމަށް ސްރީލަންކާ ހަމަލާއިން ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ. އެ ރިކަވަރީއަށް ދާން ވަގުތު ނަގާނެ އެވެ.

"ރާއްޖޭގެ ޓޫރިޒަމްގައި ލަންކާ އޮޕަރޭޓަރުންގެ ނުފޫޒު ކުޑައެއް ނޫން ވަރަށް ބޮޑު. އެހެންވެ އެމީހުން މިިތިބީ ކޮންބައިންކޮށް ރާއްޖެ އާއި ލަންކާ އެއްކޮށް ޕެކޭޖު ހަދައިގެން. އެ މީހުން އެ ވިއްކަމުން މިދިޔީ. ފަސް ރޭ ވިއްކާ ނަމަ ދެ ރޭ ލަންކާގައި ބާކީ އޮތް ތިން ރޭ ރާއްޖޭގައި ތިބޭ ގޮތަށް. އެކަމަކު މި ހަމަލާގެ ސަބަބުން މި ބުކިންތައް ވަނީ ކެންސަލްވެފައި. ގޮވުންތަކުގެ ބިރުގައި މުޅި ބުކިންތައް އެއްކޮށް ކެންސަލް ކުރަމުންދޭ،" އޭނާ ވިދާޅުވި އެވެ.

ލަންކާގެ ނުރައްކާތެރި އާދީއްތައިގެ ސަބަބުން ރާއްޖޭގައި ހިންގާ ލަންކާގެ ކުންފުނިތަކަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ. ރާއްޖޭގައި ހިންގާ ސްރީލަންކާގެ ބައެއް ބްރޭންޑު ތަކަށް އެއް ދުވަސް ތެރޭ 600 ބުކިން ވަނީ ކެންސަލްވި އެވެ.

"ހަމަ ފޫބައްދަން ދަތި ގެއްލުމާ ކުރިމަތިލައިގެން އެމީހުން އެތިބީ. މި ގެއްލުން ވަޔާކޮށް ސްރީލަންކާގައި މަޑުކޮށްފަ، ރާއްޖެ އަންނަ ގޮތަށް ބުކިން ހައްދައިގެން ތިބި މީހުންނަށް މި ގެއްލުން ބޮޑީ. މިކަން ހައްލުވާން ޒަމާން ގަނޑެއް ނަގާނެ،" މަޝްހޫރު ޓްއާ އޮޕަރޭޓަރަކު ވިދާޅުވި އެވެ.

އެޑްވާންޓޭޖު ލިބުމުގައި ފަޅި ޗާންސެއް!

ލަންކާ ހާދިސާގެ ސަބަބުން އެ ގައުމުގެ ޓޫރިސްޓް ބުކިންތަކުގެ ބޮޑުބައި ކެންސަލް ވެގެން ދިޔައިރު، މީގެ އެޑްވާންޓޭޖެއް ރާއްޖެއަށް އެއްވެސް ވަރަކަށް އެބައޮތްތޯ މާކެޓްގައި ރާއްޖެއިން ބަލާނެ އެވެ. ރާއްޖޭގެ ޕޮލިޓިކްސް ހިލިގަންނަ ކޮންމެ ފަހަރަކު ލަންކާއިން ވެސް އެ ފުރުސަތަށް ބަލާނެ އެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރުންގެ ނަޒަރުގައި ލަންކާގައި ހިނގި ބޮޑު އެ ހާދިސާގެ ސަބަބުން ރާއްޖެއަށް އެޑްވާންޓޭޖެއް ލިބުމުގައި އޮތީ ވަރަށް ހަނި ފުރުސަތެކެވެ. ސަބަބަކީ ދުނިޔޭގައި މިހާރު އޮތް ޓެރެރިޒަމްގެ ނަން "ދިވެހިންގެ ބޮލުގައި ވެސް އަޅުވާފައި" އޮތުމެވެ. ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި ދިވެހިން ޖިހާދަށް ދިއުމާއި އެ ބާވަތުގެ ވާހަކަތައް ރާއްޖެއާ ގުޅުވައި ދެކެވޭތީ ބިރުވެރިކަން ގިނަ ބައެއްގެ ހިތުގައި އޮތުމުން ލަންކާ ހާދިސާއިން ރާއްޖެއަށް ފައިދާއެއް ނެގުމަށް ވުރެ ކައިރީ ގެއްލުން އިތުރުވުމެވެ.

ދިވެހި ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ސްރީލަންކާގެ ދާހިލީ ހަނގުރާމާ ހިނގިއިރު ރާއްޖެއަށް އެޑްވާންޓޭޖް ލިބުނު ނަމަވެސް މިހާރު އެ އެޑްމާންޓޭޖެއް ނެތެވެ.

"ދެ ގައުމުގެ ބޯޑް ގާތްގަނޑަކަށް އެއްގޮތް. ހަށުކަށި ފިކުރު މި އުޅެނީ. އެހެންވީމަ މިހާރު ކުރަން ޖެހޭހާ ވެސް ކަމަކީ މީހުންނަށް ސެކިއުރިޓީއާމެދު ޔަގީކަން ދިނުން. ސެކިއުރިޓީ އެޝުއަރެންސް ދިނުން ނޫންކަމެއް މިހާރަކު ނެތް ކުރެވޭކަން. މިހާރު ހަގީގަތުގައި އޮތް ހަމައެކަނި ބިރަކީ ސެކިއުރިޓީ - ސޭފްޓީ. މިހާރު ރާއްޖޭގައި ސިޔާސީ ހަމަޖެހުން އެބައޮތް. އިންތިހާބެއް ނެތް. އިންސާނީ ހައްގުތަކާއި ހުޅަނގުގެ ގައުމުތަކުގެ ރުހުން އެބައޮތް. އެހެވީމަ މިހާރު ހަމައެކަނި ކުރަން ޖެހޭ ކަމަކީ ޓެރެރިޒަމާއި އެކަމުގެ ބިރުވެރިކަން ނެތްކަން ދުނިޔެއަށް ޔަގީން ކޮށް ދިނުން،"

ޓޫރިޒަމް ސިނާއަތުގެ ބައެއް މާހިރުން ދެކެ ވަޑައިގަންނަވާ ގޮތުގައި ލަންކާއިން ކެންސަލްވެމުންދާ ބުކިންތަކުގެ ފައިދާ ރާއްޖެއަށް ކޮންމެވެސް ވަރަކަށް ނެގުމަސް ލަންކާ ހާދިސާގެ ރާޅު ޖަހާނީ ރާއްޖޭގެ އައްސޭރިއަށާއި ގޮނދޮށަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތުރު ކުރައްވާ، އިގްތިސޯ ދާއިރާގެ ބޭފުޅަކު މިއަދު ވިދާޅުވި ގޮތުގައި ދެ ގައުމު އެއްކޮށް ލައިގެން ވިއްކާފައިވާ ޕެކޭޖް ތަކުން ރާއްޖެއަށް އަދިވެސް ފައިދާ ކުރާނެ އެވެ. އެކަމަކު ލަންކާ ހަމަލާއިން ރާއްޖޭގެ ޓޫރިޒަމަށް ހީނަރު ކަމެއް ލައިގަންނާނެ އެވެ.

"މިހާރު ވެސް އެމީހުންނަށް ބުކިން އެއްކޮށް ކެންސަލް ކުރުމުގެ ބަދަލުގައި ކުޑަ ޗާޖެއް ދީގެން އެ މީހުން ރާއްޖެ ފޮނުވިއްޖެނަމަ ލިބޭ ގެއްލުން ކުޑަ ވާނެ. މިކަން މިހާރުވެސް ބައެއް ލަންކާގެ ޓްއާ އޮޕަރޭޓަރުން ކުރަމުންދޭ. މިހާރު ލަންކާގެ އޮޕަރޭޓަރުން ގުޅަން ފަށައިފި ރޭޓް ހޯދަން،"

ގެއްލުން ވަރަށް ބޮޑު މި ހަމަލާގެ އަސަރު ދެ ގައުމުގެ އިގްތިސޯދަށްވެސް ކުރާނެ އެވެ. ސަބަބަކީ ދެ ގައުމުގެ ޓޫރިޒަމް ގުޅިފައިވާލެއް ބޮޑު ކަމެވެ. ގެއްލުން ރާއްޖެއަށް ތަންކޮޅެއް ކުޑަ ނަމަވެސް ދިވެހި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސެކިއުރިޓީ އެޝުއަރެންސް ދިނުމެވެ. އެކަން ނުކުރެއްވިޖަނަމަ ލަންކާއަށް މިއި ރާޅު ރާއްޖޭގެ ޓޫރިސްޓު ގޮނޑުދޮށަށް ޖަހަޖަހާ އަހަރުތަކަކަށް އޮންނާނެ އެވެ.