އިސްލާމިކް މިނިސްޓްރީ

ސައުދީގެ 50 ޓަނުގެ ކަދުރު ސަރުކާރާ ހަވާލުކޮށްފި

ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް ދޭ 50 ޓަނުގެ ކަދުރު، ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.

މާލޭގައި ހުންނަ ސައުދީ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ. ކަދުރު ހަވާލު ކޮށް ދެއްވީ ސައުދީ އެމްބަސީގެ ޗާޖް ޑި އެފެއާޒް މެތުރިކް އަލް ދޮސާރި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒާހިރު މިއަދު ވިދާޅުވީ، ރޯދަ މަސް ފެށުމުގެ ކުރިން ސައުދީ ކަދުރު ބަހާނެ ކަމަށާއި ނަމަވެސް ސައުދީގެ 50 ޓަނުގެ ކަދުރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބެހޭ ވަރު ނުވާނެ ކަމަށެވެ. ކަދުރު ބަހާނެ ގޮތުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ. މިދިޔަ އަހަރު ސައުދީން ދިން ކަދުރުތަށް ބަހައިފައިވަނީ، ކައުންސިލްތަކާއި ހަވާލު ކޮށްގެންނެވެ.

ޒާހިރު ވިދާޅުވީ، އެހެން އަމިއްލަ ބައެއް ފަރާތްތަކުން އިތުރު ކަދުރު ހަދިޔާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ހަދިޔާގެ ގޮތުގައި ލިބޭ ކަދުރުވެސް ވީހާ އަވަހަކަށް ބަހާނެ ކަމަށެވެ.

ރާއްޖޭގައި ބައެއް އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ރޯދަ މަހާއި ދިމާކޮށް ކަދުރު ބަހައެވެ.