ވިޔަފާރި

އެސްޓީއޯއަށް ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ 47 ޕަސެންޓް އިތުރުވެއްޖެ

އެސްޓީއޯއަށް މިދިޔަ އަހަރު ތެލުގެ ވިޔަފާރިކޮށްގެން ލިބުނު އާމްދަނީ 47 ޕަސެންޓް އިތުރުވެފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކައިފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި، އެސްޓީއޯއިން ނެރުނު މިދިޔަ އަހަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ ކުންފުނީގެ ޖުމްލަ އާމްދަނީ އަކީ 9.4 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ޕަސެންޓޭޖުން ބަލާނަމަ 25 ޕަސެންޓުގެ އިތުރު ވުމެކެވެ.

އެސްޓީއޯ އިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 20 ޕަސެންޓް ވަނީ އިތުރުވެފައިވެ އެވެ. މިއީ ކުރީ އަހަރާ އަޅާ ބަލާނަމަ 100 މިލިއަން ލީޓަރުގެ އިތުރުވުމެކެވެ. އަދި ހަމަމިއާއެކު، އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 25 ޕަސެންޓް އިތުރުވެފަވެ އެވެ.

އެސްޓީއޯ އިން ބުނީ ފާއިތުވި އަހަރުތަކެކޭ އެއްފަދަ އިން އެސްޓީއޯ އިން އަބަދު ވެސް އެންމެ އިސްކަމެއްދެނީ ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވާ، އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން، ތެލުގެ އަގުން ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށެވެ. އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން ޢާންމު ޙިއްޞާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ، ދިވެހިރާއްޖޭގެ އިގްތިސާދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ، އެސްޓީއޯ އިން މަސައްކަތްކުރަމުންދަނީ މިދާއިރާތަކަށް އިންވެސްޓްކުރުމާއިއެކު، ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށެވެ.

އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވުމާއެކު، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 17 ޕަސެންޓް އިތުރުވެފައެވެ. މިއީ 253 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯ އަށް ލިބުނު ޖުމްލަ ފައިދާ ވަނީ 10 ޕަސެންޓް އިތުރުވެފައިވެ އެވެ.

މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރު އިން ފެށިގެން މިކުންފުނީގެ ފައިދާ ދަނީ އެކަށީގެންވާ ބާރުމިނެއްގައި ކުރިއަރަމުންނެވެ. އަދި މިގޮތުން 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު ފައިދާއަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައިވެސް އެންމެ ރަނގަޅު ފައިދާއެއް ލިބުނު ކުއާޓަރެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ހިންގުމުގެ ޚަރަދު، ނުހިމަނައި ބަލާނަމަ މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 27 ޕަސެންޓް ފައިދާ އިތުރުވެފަ އެވެ. އަދި ކުންފުނީގެ ފައިނޭންސް ކޮސްޓުގެ ގޮތުގައި 2018 ވަނަ އަހަރު ވަނީ 177 މިލިއަން ރުފިޔާ އެކައުންޓްކުރެވިފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 78 ޕަސެންޓް އިތުރުުވުމެކެވެ. ފައިނޭންސް ކޮސްޓް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ސަޕްލަޔަރުން އެސްޓީއޯ އަށް ދީފައިވާ ކްރެޑިޓަށް އިންްޓަރެސްޓްގެ ގޮތުގައި ދަައްކާފައިވާ އަދަދު އިތުރުވެފައިވުމެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ 2018 ވަަނަ އަހަރުގެ ހިންގުމުގެ ފައިދާއަކީ (ފައިނޭންސް ކޮސްޓް ކެނޑުމަށްފަހު) 251 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 6 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރު އެސްޓީއޯއަށް ލިބިފައިވާ ފައިދާއިން ހިއްސާއަކަށް 58.00ރ. ބަހަން، އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމަވާފައެވެ.