ވިޔަފާރި

އެމްއެމްއޭގެ ސާފު ފައިދާ ރެކޯޑް އިތުރު ވުމެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ ރެކޯޑް މިންވަރަކަށް އިތުރުވެ، ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އާއި ޑިރެކްޓަރުން ބޯޑު މެންބަރު މުހައްމަދު އަލީ ޖަނާހު ސޮއިކުރައްވައި ނެރުއްވާފައިވާ މާލީ ރިޕޯޓުގައިވާ ގޮތުން އެމްއެމްއޭގެ ގާނޫނާ އެއްގޮތަށް އަހަރުގެ ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 246 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 148 މިލިއަން ރުފިޔާއާ އަޅާބަލާއިރު 65 ޕަސެންޓް އިތުރު ވުމެކެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން އެމްއެމްއޭއަށް ދިވެހި ރުފިޔާގެ މުއާމަލާތްތަކުން އާމްދަނީގެ ގޮތުގައި 93 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް 2017 ވަނަ އަހަރު ލިބިފައިވަނީ 85 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އެމްއެމްއޭއިން ވަނީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މާލީ ދާއިރާގެ ފަސް އަހަރުގެ ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ. އަދި ނަގުތު ފައިސާގެ މުއާމަލާތްތައް މަދު ކުރުމުގެ ގޮތުން ހާއްސަ ޕޭމަންޓް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.