ހަބަރު

އޮސްޓްރޭލިއާއިން ޑީޕޯޓްކުރާ ދިވެހި ކުއްޖާގެ ދިފާއުގައި ޕެޓިޝަނެއް

އޮސްޓްރޭލިއާ އިން ވިސާ ހަމަޖައްސައިދޭން ދެކޮޅު ހަދައި ޑިޕޯޓް ކުރަން ކަނޑައަޅާފައިވާ ދިވެހި ކުޑަ ފިރިހެން ކުއްޖާ، އޮސްޓްރޭލިއާގެ ވިސާ ހޯދައިދޭން ބާރު އަޅައި ޗޭންޖް.އޯގް އިން "ސޭވް ކައިބާން" ނަމުގައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.

ޗޭންޖް.އޯގް އިން ސޮއި ހޯދަމުން ގެންދާ މި ޕެޓިޝަންގައި މިހާތަނަށް 6770 އަށް ވުރެ މީހުން އުމުރުން ދެ އަހަރުގެ ކައިބާންއަށް ޑީޕޯޓް ކުރުމާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ސޮއިކޮށްފައި ވެއެވެ. ޗޭންޖް.އޯގް އަކީ ތަފާތު އެކި އެކި ކެމްޕޭންތަކަށް ސަޕޯޓަރުން ހޯދުމަށާއި ކަންކަމުގެ ހާލަތު ބަދަލު ކުރަން ބާރު އެޅުމާއި ކަންކަމަށް ހައްލު ހޯދަން ޕެޓިޝަން ހުށައަޅެމަށް މަސައްކަތް ކުރާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލާފައިވާ އޯޕަން ޕްލެޓްފޯމެކެވެ.

އޮސްޓްރޭލިއާ އަށް އުފަން ކައިބާން ޖަމްޝާދަށް ވިސާ ނުދީ ޑިޕޯޓް ކުރަނީ ކައިބާން އަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖަކަށް ވެގެނެވެ.

ކައިބާންގެ ބަލީގެ ސަބަބުން ކޮންމެ ހަފުތާއަކު ވެސް ވަކި ފަރުވާތަކެއް ކުރަން ޖެހެ އެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ކައިބާންގެ ފަރުވާ ދެވޭނެ ވަސީލަތްތަކެއް ނެތުމުން އޮސްޓްރޭލިއާ ވިސާ ހަމަނުޖެހި އޮސްޓްރޭލިއަން ޑިޕޯޓްކޮށްފިނަމަ ކައިބާންގެ ފުރާނައަށް ނުރައްކާ ވާނެ އެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން ސިއްހީ ބޮޑެތި މައްސަލަތަކަށް ހުންނަ މީހުންނަށް އޮސްޓްރޭލިއާ ވިސާ ނުދީ ހިފެހެއްޓެ އެވެ.

ކައިބާންގެ މަންމަ އައިޝަތު ޝިޒްލީން މަސައްކަތް ކުރަނީ ސޯޝަލް ވޯކަރެއްގެ ގޮތުގައި ވަގުތީ ސްކިލް ޝޯޓޭޖް ވިސާއެއްގެ ދަށުންނެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުންވަނީ އާއިލާގެ އެހެން މީހުންނަށް ސަޕޯޓް ވިސާ ހަމަޖައްސާފަ އެވެ.