ރިޕޯޓް

ކުދިން މައުސޫމް، ނަންތައް ހާމަކުރުން ހަމަ ގޯސް!

ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރިންނާ ބައިވެރިވެފައިވާ ދިވެހިން ގައުމުތަކަށް ގޮސް އުޅޭ ޖަމާއަތްޖަމާއަތަށް ފެތުރިފައިވާ މިންވަރު ސިފަކޮށްދޭން ވެގެން "އާބާދީގެ ނިސްބަތުން އެންމެ ގިނަ ހަނގުރާމަވެރިނަކީ ދިވެހިން" ކަމަށް ބުނެ ޖުމްލަ ފުރިހަމަ ނުކުރާ މީހުނާއި ބޭރުގެ މިޑިއާތައް މިހާރު ވަރަށް މަދުވާނެ އެވެ. އެއީ ބޭރުގެ އެފަދަ ފަރާތްތަކަށާއި މީޑިއާއަށް ދިވެހިން "ހަދިޔާ" ކޮށްފައިވާ ޖުމްލައެކެވެ. އެހެންވެ ހަނގުރާމަވެރި ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކާއި ގުޅިގެން ބޭރު ގައުމުތަކަށް ގޮސްތިބި ދިވެހިންގެ ވާހަކައަކީ އެއަށް ބަހުސް ކުރަން ފަސޭހަ ނޫން އަދި ބަހުސް ކުރިއަސް ނުނިމޭނެ ވާހަކައަކަށް ވެއެވެ.

"އަޑީ ދައުލަތެއް" ގެ އިތުރުން ސަލާމަތީ ބާރުތަކުގެ ތެރޭގައި އެކަމަށް ހިތްވަރުދޭ ބަޔަކުތިބިކަމަށް އެކި ދުވަސްވަރު ތަފާތު ތުހުމަތުތައް ކުރެވެ އެވެ. އެންމެ ބޮޑަށް އެ ތުހުމަތުތައް ކޮށް އެ ވާހަކަ ބޭރަށް ވިއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެ މައްސަލަކީ އެކަމަކުގައި ހިޔާލު ދެކަފިވެފައިވާ ބަޔަކު ސޯޝަލް މީޑިއާގައި ހުއްޓުމެއްނެތި އެމީހުން ވެސް ކުރާ ފާޑެއްގެ ހަނގުރާމައަކަށް ހަދާފައި އޮންނަ ކަމެކެވެ.

ޖިހާދު ހަނގުރާމައިގެ މައްސަލާގައިގައި ތުހުމަތުގެ އިނގިލި އެއް ބަޔަކު އަނެއް ބަޔަކަށް ދިއްކުރުމާ، ރައްދުގައި ހޫރައިލާ ގާބުރިތަކުގެ ހަނގުރާމަ އޮންނަނީ ހިނގަ ހިނގަ އެވެ. އެއްކޮޅުން އިސްލާމް ދީނުގެ ހިމާޔަތުގެ ނަމުގަ އެވެ. އަނެއް ބަޔަކު އިސްލާމީ ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ކަމަށް ކުރާ ދައުވާއާއެކު އެވެ.

ހަނގުރާމައަށް ގޮސް އެކި އެކި ސަބަބުތައް ވެސް ދިމާވެގެން ވިއްސިވިހާލިވެފައިވާ ދިވެހިން އެބަތިއްބެވެ. އެފަދަ ބައެއް ދިވެހިން އަނބުރާ ރާއްޖެ ގެނެސްދިނުމަށް އެމީހުންގެ އާއިލާތަކުން އެދެމުންދާ ކަމަށް ސަރުކާރުން މިއަހަރު ކުރީކޮޅު ހާމަކުރި އެވެ. އެ މައުލޫގެ ފުޅާކަމާއި ފުން ކަމާއި އޭގެ ހޫނުކަން ވަނީ އިތުރަށް ގަދަވެފަ އެވެ. އާއިލާއާ އެތަކެއް ހާސް މޭލު ދުރުން ހަޔާތް ބަރުބާދުވެ، ބިކަ ހާލުގައި އެތަކެއް ދިވެހި އަންހެނުންނާ ކުޑަކުދިން ދިރުއުޅެން މަޖުބޫރުވެފައިވާކަން އެނގި ފެންމަތިވެ، އެ މައުލޫގެ އަމާޒު މިހާރު ދަނީ މުޅީން އެހެން މިސްރާބަކަށް ބަދަލުވަމުންނެވެ.

"ޖިހާދީ" އަނބިދަރިން

ދީނީ ހަރުކަށި ހިޔާލުގެ ޖަމާއަތްތަކާއި ގުޅިގެން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ދިވެހި ފިރިހެނުން ރާއްޖެ ދޫކޮށް ގޮސްފައިވުމަކީ "ރަސްމީ އަދަދެ" ވެ. ނަމަވެސް، އެއީ ހަމައެކަނި ރަސްމީ "ހަނގުރާމަވެރިން" ނެވެ. އޭގެ ތެރެއިން ގިނަ ފިރިހެނުން، ސީރިއާއަށް ގޮސްފައި ވަނީ އަނބިދަރިންނާއި އާއިލާގެ އެހެން މެމްބަރުން ވެސް ގޮވައިގެނެވެ. އެހެންވެ "އަސްލު އަދަދު" ތަފާތު އެކި ނަމްބަރުން އަންދާޒާ ކުރެ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި ރާއްޖޭގެ އާބާދީގެ ނިިސްބަތާއި ރާއްޖޭގެ މީހުންގެ ވައްޓަފާޅި އާއި ދިރިއުޅެމުން އައި ގޮތަށް ބަލާއިރު މިހާރު އަންދާޒާކޮށްފައި ކިއާ އަދަދަކީ މީހަކު ސިއްސައިގެން ގޮސް ގޮނޑިން ވެއްޓޭ ހިސާބަށް ގޮސްފައިވާ އަދަދެކެވެ.
އެއް ބަޔަކު އެ އަދަދު 300 އޭ ބުނާއިރު އެހެން ބައެއް މީހުން އެއާ ޖަދަލުކޮށް އެއަދަދު ހާހަކާ ގާތްކުރެއޭ ވެސް ބާރުލާފައި ބުނެ އެވެ. އަދި ސީދަލަށް ވަކި އަދަދުތަކެއް ހިއްޕައިގެން ނުކުންނަވާ އަބަދު އެ ވާހަކަ ހުއްޓާ ނުލައްވާ ދައްކަވާ ހައިޕްރޮފަައިލް ބޭފުޅަކުވެސް އުޅުއްވަ އެވެ.

އެއް ކަމެއް ޔަގީނެވެ. އެތައް ބަޔަކު ހަނގުރާމައަށް ގޮސްފައި ވެއްޖެ އެވެ. އަނބިދަރީންނާއި އާއިލާގެ މީހުން ގެންދިޔައެވެ. އޭގައި ހިމެނޭ ފިރިހެނުންނާއެކު ދިއަ އަންހެނުންނާއި ކުޑަކުދިންގެ އަދަދު މިހާތަނަށް ރަސްމީ ސިފައެއްގައި ހާމަ ކޮށްފައި ނުވާއިރު، އެމީހުންގެ ފިރިން މަރުވެ، ދަރިންނާއެކު ބިކަވެފައިވާ އެތަކެއް ދިވެހިން އުޅޭކަމަށް ސޯޝަލް މީޑިއާގައި އެކި މީހުން ކަންބޮޑުވުން ފާޅުކުރެ އެވެ. އަދި އެކަން ވަނީ އާންމު ކަމަކަށް ވެސް ވެފައެވެ.

ދީނީ ހަރުކަށި ފިކުރުގެ އަނދިރި ފަރާތް ކަމަށް ބުނެ، ތުހުމަތުގެ ހަމަލާތައް ބަދަލު ކުރަމުން ދަނިކޮށް މި ހަފުތާގެ ތެރޭގައި ސީރިއާއަށް ގޮސްތިބި ދިވެހިންތަކެއް މިހާރު އެ ގައުމުގައިހުރި ރެފިއުޖީ ކޭމްޕެއްގެ ތެރޭ ތާށިވެފައިތިބި ކަމަށް ބުނާ ދިގު ލިސްޓެއް ހިފެހެޓުމެއްނެތި ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ސީރިއާގެ އިރު އުތުރުގައި އޮންނަ އަލް-ހޯއުލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިން ކަމަށް ބުނެ 33 ނަމެއް ވަނީ އާންމު ކޮށްފަ އެވެ. އެ ލިސްޓުގައި މުޅީންހެން ހުރީ އަންހެނުންނާ ކުޑަކުދިންގެ ނަންތަކެވެ. ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާ ކަމަށް ބުނާ 12 ކުޑަކުއްޖެއްގެ މައުލޫމާތު އޭގައި ހިމަނައިފައި އޮވެއެވެ. އެ ލިސްޓުގައި ތިބި އަންހެނުންނަކީ ސީރިއާގެ ހަނގުރާމައިގާ ބައިވެރިވާން ދިޔަ ދިވެހިންގެ އަނބިންކަމަށް ވެސް އޭގައި ބުނެ އެވެ.

ފިރިމީހާ ހަނގުރާމައިގައި މަރުވުމުން އެހެންނާ ކޮންމެވެސް އެހެން ކަމެއްގައި މަރުވުމުން އެހެން ގައުމެއްގެ މީހަކާއި ކައިވެނިކޮށްގެން ރައްޔިތުކަން އޮޅިފައިތިބި ކުދިންނާއެކު ނިކަމެތި ހާލަތުގައި ދިރިއުޅެމުންދާ ދިވެހިންގެ ނަންތަކާއި، އައިޑީކާޑު ނަންބަރާ، އެޑްރެހަށް ދާންދެން އެއްވެސް ހިޔާލެއް ފިކުރެއްނެތި ފަލީހަތް ވެއްޖެ އެވެ. މިއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟

ލިސްޓުގެ މަގުސަދު ކިލަނބުވެފައި

މިފަދަ ލިސްޓެއް ފެންމަތިވެފައިވަނީ ބޭރުގެ ގައުމުތަކުގައި ދީނީ ހަރުކަށި ހިޔާލުގެ ޖަމާއަތްތަކާ ގުޅިގެން ކުރަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ދިޔަ، ދިވެހި ހަ މީހަކު ރާއްޖެ ގެނެސްދޭން އާއިލާތަކުން އެދިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައި ވަނިކޮށް އަދި އެ އެދުމަށް އިޖާބަދޭން ގިނަ ހުރަސްތައް ހުރި ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.

އެ މީހުން އަތުގައި ދިވެހި ރައްޔިތެއްގެ އައިޑީކާޑް ނުވަތަ ޕާސްޕޯޓް ނެތުމާއި ދިވެހި ރައްޔިތެއްކަން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން ސާބިތު ކޮށްދެވޭނެ އެއްވެސް ގޮތެއް ނެތުމަކީ އެ ހުރަސްތަކުގެ ފެށުމެވެ. ކުށެއް ނެތް ކުދިންތަކެއް ބިކަ ހާލުގައި އުޅެން ދޫކޮށްލަން ސަރުކާރަށް މަޖުބޫރު ވަނީ ހަނގުރާމައިގެ ތެރެއަށް ވިހައި، މައުސޫމް ކުދިންތަކެއްގެ ރައްޔިތުކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތީމަ އެވެ.

އުނދަގޫ މި ހާލަތުގައި ލިސްޓެއް އާންމު ކުރުމުގެ މަގުސަދު ފޮރުވިފައިވަނީ އެކަމެއް ކުރި މީހެއްގެ "ގޮހޮރު" ގަ އެވެ. ފަހަރުގައި އެއީ މުޅި ދިރިއުޅުން ބަރުބާދުވެފައިތިބި ދިވެހި ރައްޔިތުންތަކެއްގެ ނިކަމެތި ހާލުގެ ވާހަކަ ސަރުކާރުން އަޅާފައިވާ މަތިތައް ނައްޓައި އާންމުންގެ ސަމާލުކަމަށް ގެނައުން ކަމަށް ވެސް ވެދާނެ އެވެ.

ނޫނީ، އަބަދު ހަނގުރާމަވެރި ފިރިހެނުންތަކެއްގެ ވާހަކަ ދައްކައިގެން ދީނީ ހަރުކަށި ފިކުރު ދިވެހި ފަސްގަނޑުގައި ވަކިހިއްޕައި، ފެތުރިފައިވާ މިންވަރަށް ސަމާލުކަން ނުލިބޭތީ ކަމަށްވުން ވެސް އެއީ ވެދާނެ ގޮތެކެވެ. އެހެން ވުން ކައިރި އެވެ. އެއީ "ޖިހާދަށް" ދާ ދިއުމުގެ އަނދިރި ފަރާތަށް އާންމުންގެ ލޯތައް ހުޅުވައި ދެވެން އޮތް ހަމައެކަނި މަގުކަމަށް އެކަމުގެ ފަހަތުގައި ތިބި ބަޔަކު ވިސްނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ހަމްދަރުދީ، ނަފުރަތު އަދި ރުޅިވެރިކަން

އެ ލިސްޓް އާންމު ކޮށްފައިވާ ނިޔަތުގެ ފަހަތުގައި ދަމާފައިވާ ފަރުދާތައް ކެހުމުގެ ބޭނުމެއް ދެން ނެތެވެ. އެކަން އެއޮތީ ކޮށް ނިމިފަ އެވެ. އާންމު އުސޫލުގެ ދަށުން އެ ލިސްޓާއެކު މުޅި ސޯޝަލް މީޑިއާގައި ދިވެހިންތައް ވަނީ އުތުރިއަރާފަ އެވެ. "ލާދީނީ" އާ "ޓެރަރިސްޓް" ގެ ލަގަބު ދެ ފަރާތުން ވެސް ހިތުހުރި ގޮތަކަށް ގޮވަމުންދެ އެވެ.

އެކަމަކު ހެޔޮއެދިގެން ވިޔަސް ނުރުހިގެން ވިޔަސް ކުރެވިގެން މިއުޅޭނީ މާ މޮޅުކަމެއް ނޫނެވެ.

ތުއްތު ތުއްތު މައުސޫމް ކުދިންތަކެއް ވެސް ނަންތައް އެފަދަ ގޮތަކަށް އާންމު ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ. ބާކީ ތިބި މީހުންގެ އެޑްރެސް ވެސް އެންމެންނަށް އެންގުމަކީ "ވިޔާނުދާ ކަމުގެ ލަފުޒީ މާނައަކަށް" ހަދަންޖެހެ އެވެ.

އަމިއްލައަށް ދިޔަ ބަޔަކު ދައުލަތުގެ ހަރަދުގައި އަނބުރާ ގެނައުމާއި ދެކޮޅު އަޑުތައް ގަދަވެ "ގަނަތެޅެން" ދޫކޮށްލުމަށް ވެސް އެއް ބަޔަކު ދަނީ ބުނަމުންނެވެ. އޭގެ އަނެއް ފަރާތުން އިވެނީ އެމީހުން އަނބުރާ ރާއްޖެ ގެނެސްދޭން ސަރުކާރަށް ޖެހޭނެއޭ ބުނާ އަޑެވެ.

އާއިލާތަކަށް އިތުރު ހިތްދަތިކަން

އެއް ބައެއްގެ ހިތްތަކުގައި އެމީހުންނަށް އޮތީ ނަފުރަތެވެ. ރުޅިވެރިކަމެވެ. ކަންދައްކަން ވިޔަސް އެމީހުންގެ ހާލަތަށް ހަމްދަރުދީވާ ބަޔަކުވެސް އެބަ ތިއްބެވެ. ދެފަރާތުން "އަރައިގަނެ" ތުހުމަތުތަކުގެ ހަމަލާތައް ބަދަލު ކުރަމުން ދާއިރު، މެދުގައި ތާށިވެފައިތިބީ އެ ބުނާ ކޭމްޕުގައި އުޅޭ ދިވެހި އަންހެނުންތަކެވެ. އެ މީހުނަށް އަމާޒުކޮށް ދައްކާ ހަޑިހުތުރު ސާބިތު ނުހިފޭ ވާހަކަތަކުން ލަދު ގަންނަނީ ކޮން ގައުމެއް ހެއްޔެވެ؟ އަދި ލަދުން އިސްޖަހާ މީހާ ވާނީ ވާނީ ކޮން ގައުމެއްގެ ކާކަށް ހެއްޔެވެ؟

މިހާރުވެސް މާޔޫސްކަންމަތީ ދުވަސްތައް ގުނަމުންދާ އާއިލާތަކަށް އިތުރު ހިތްދަތިކަމެވެ. މުޅި މުޖުތަމައުގައި އެ ލިސްޓާއެކު އެމީހުން ފަލީހަތްވީ އެވެ. މަގުމަތިން ފެންނަ ނަފުރަތުގެ މޫނުތައް ކުރިއަށްވުރެ ގިނަވީ އެވެ. ދަރިން ތަރުބިއްޔަތު ނުކުރެވުމުގެ އިލްޒާމެވެ. އާންމުކުރި އެޑްރެހުގައި ދިިރިއުޅޭ އެންމެން "ޓެރަރިސްޓު" ންނަށްވެ، އެކަން އޮތް ގޮތް ނުވިސްނޭ އެހެން ބައެއްގެ ނަޒަރު އަމާޒުވޭވެ އޮންނާނެ އެވެ.

ކުށެއްނެތް މައުސޫމް ކުދިންތަކެއް

އެ ބުނާ ކޭމްޕެއްގައި ބިކަވެފައިތިބި އަންހެނުންތައް ސީރިއާއަށް ދިޔައީ ބައެއްގެ ވަސްވާހުގައި ޖެހިގެންނެވެ. ފިރިމިހާ ދެކެ ލޯބިވާތީ ދިޔަ އަނބިން ވެސް އުޅޭނެ އެވެ. ދީނުގެ ނަމުގައި ހިލަތްތެރި ބަޔަކު ފެތުރި ނުބައި މައުލޫމާތުތަކެއްގެ ޝިކާރައަކަށްވީ ބަޔަކު ވެސް އުޅެފާނެ އެވެ. އަދި ތަސައްރަފު ފުދިފައި ތިބި ބޮޑެތި ސިންގާހާ މީހުން ކުރި އަމަލެއްގެ ނަތީޖާ އާއި ޒިންމާ އެމީހުންނަށޭ ވެސް ބުނެވިދާނެ އެވެ.

ނަމަވެސް، އެމީހުން ގޮވައިގެން ދިޔަ ނުވަތަ ލޭ އޮހޮރުވުމުގެ ތެރެއަށް އުފަންވި މައުސޫމް ކުދިންތަކެއްގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ ބައްޕައަކީ ކޮންމެ ގައުމެއްގެ މީހެއް ވިޔަސް އެ ހަގީގަތެއް ބަދަލެއް ނުވާނެ އެވެ. ކުށުގެ ވެށިން ހައްޔަރުކުރާ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް މި ގައުމުގައި ހިމާޔަތް ލިބޭއިރު، އެ ކޭމްޕުގައި ބަނޑުހައި ހޫނުކަން ރަނގަޅަށް ނުފިލައިތިބި ކުދިންތަކަކަށް ވިސްނާ ނުލުމަކީ ވަރަށް ބޮޑު މައްސަލަ އެކެވެ. އެކަން ކުރީ ކުރީގެ ރައީސަކު ކަމަށް ވިޔަސް އަދި އެއީ އެފަދަ ހައިޕްރޮފައިލް ބޭފުޅަކާ ހަމަ އެއްވެސް ގުޅުމެއް ނެތް އެކަމަކު އެންމެ ދަންނަ "އެލެކްސް އަހުމަދު" ވިޔަސް އެއީ މައްސަލައެކެވެ.

ރާއްޖޭގައި އޮންނަނީ "ކަން ބޮޑުވެއޭ" ބުނީމާ ނިމުނީ އެވެ. ގައިމުވެސް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ ކަންބޮޑުވުން އެކަމަނާ ހިއްސާކުރައްވަ އެވެ. އެފަދަ ކުދިންތަކެއް ތިބިކަމުގެ މައުލޫމާތު ލިބިވަޑައިގެން، އެ ކަންބޮޑުވުން ޗީފް އޮފް ޑިފެންސް ފޯސް އާވެސް އެކަމަނާ ހިއްސާ ކުރެއްވިކަމަށް އެކަމަނާ ވިދާޅުވެ އެވެ. އެ ހިސާބުން އެކަމަނާގެ ޒިންމާ ރާއްޖޭގައި ކަންކުރާ ގޮތަށް ބަލާނަމަ އަދާވީ އެވެ.

"ކޮންމެ ދިވެހި ރައްޔިތަކަށްވެސް ގާނޫނުތަކުން ލިއްބައިދޭ ރައްކާތެރިކަމާ އަޅާލުން ލިބެންޖެހޭނެ. މި ހާލަތުގައި ވެސް އެކަން ބަދަލުވެގެން ނުވާނެ. އެ މީހުންނަށް ވެސް އެހީތެރިވެދޭންޖެހޭ،" ސިދާތާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް އެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ކޮންމެ ބޮޑު މީހެއްގެ ވެސް ޒިންމާއެކެވެ. އެކަމުގައި ކުރީގެ ރައީސެއް އެލެކްހެއް ކާސިމެއް މަރިޔަނބެއް އިސްތިސްނާއެއް ނުވެ އެވެ.