މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ގިނަ އަދަދެއްގެ މުވައްޒަފުން ސިޔާސީ މަގްސަދެއްގައި ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ބިރު ދައްކާ ކަމަށާއި އެކަމާ ކޮންގްރެސް ޕާޓީން ކަންބޮޑުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައިގެން ކޮންގްރެސްއިން ނެރުނު ބަޔާނެއްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތަށް ރައްކާތެރިކޮށް، ހަމަހަމަ ކަމާއި އިންސާފުން ގާނޫނީ އިމުގެ ތެރެއިން ހުރިހާ މުވައްޒިފުންނާމެދު އަމަލުކުރަން ސަރުކާރަށް ގޮވާލާފައި ވެއެވެ.
އެ ބަޔާނުގައި ބުނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ވަޒީފާގެ ފުރުސަތުތަށް އިތުރު ކުރުމަށް ފާއިތުވި ފަސް މަސް ދުވަހު އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ ހިތް ދަތިކަމާއި ނުތަނަވަސް ކަން އެބަ އޮތް ކަމަށެވެ.
ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވަމުންދާ ކަންކަން ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހައްލުކޮށް ދިނުމަށް ވެސް ކޮންގްރެސް އިން ސަރުކާރަށް ގޮވާލާފައި ވެއެވެ.