ހަބަރު

މާލީ މިނިވަންކަމާއެކު 20 ކަމެއްގެ މައްޗަށް ޖުޑިޝަރީގެ މަގުޗާޓް އިފްތިތާހުކޮށްފި

މާލީ މިނިވަން ކަމެއް ޖުޑިޝަރީއަށް ގެނައުމަށް އަމިއްލައަށް ބަޖެޓް ކަނޑައަޅައި އިތުރު 19 ކަމެއް ހިމަނައިގެން ޝަރުއީ ދާއިރާގެ އިސްލާހީ މަގު ޗާޓެއް މިރޭ އިފްތިތާހު ކޮށްފި އެެވެ.

ޖުޑިޝަރީގެ ބެލެނިވެރިޔާގެ ގޮތުގައި ސުޕްރީމް ކޯޓުން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުރަތަމަ ފަހަރަށް ޝަރުއީ ދާއިރާއަށް ހާއްސަ މަގުޗާޓް އިފްތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

މަގުޗާޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މި މަގުޗާޓަކީ މިދިޔަ ފެބުރުއަރީމަހުގެ ބޭއްވި ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ކޮންފަރެންސްގެ ބައިވެރިންގެ ރެކޮމެންޑޭޝަންސް ތަކާއި، އދ. ގެ ޔޫއެންޑީޕީގެ މަޝްވަރާ އާއި، ބޭރުގެ ޖަމިއްޔާ ޖަމާތްތަކުން ރާއްޖޭގެ ޝަރުއީދާއިރާގެ މައްޗަށް ހަދާފައިވާ ދިރާސާތަކާއި، ރިޕޯޓްތަކަށް ބަލައިގެން އެކުލަވާލާފައިވާ މަގުޗާޓެއް ކަމަށެވެ.

މި މަގުޗާޓުގެ ބޭނުމަކީ ހަމަހަމަކަމާއެކު، ތައައްސުބުން އެއްކިބާވެ ޝަރީއަތް ކުރުން ކަމަށާއި، މަގުޗާޓުގައި ހިމެނޭ ކަންކަން ފަސް އަހަރުގެ ތެރޭ ތަންފީޒު ކުރަން ވަރަށް އަވަހަށް އެކްޝަން ޕްލޭނެއް އެކުލަވާލާނެ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މިރޭ އާންމު ކުރި މަގުޗާޓް ތަންފީޒުކޮށް ނިމޭއިރު ރާއްޖޭގެ ޖުޑީޝަރީއަށް ހަރުދަނާ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މަގުޗާޓުގައި ހިމެނޭ ކަންކަން

  • ޖުޑީޝަލް ސާވިލް ކޮމިޝަން އިސްލާހު ކުރުން
  • ގާނޫނުތައް އިސްލާހު ކުރުން
  • ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ނިޒާމް ހަރުދަނާ ކުރުން
  • ކޮރަޕްޝަނާއި، ފަސާދައާއި، ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ޝަރުއީ ދާއިރާ ހެދުން
  • މިނިވަންކަން ނުގެއްލޭނެ ގޮތަކަށް ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން
  • ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރުން
  • ފަނޑިޔާރުންގެ މަސައްކަތުގެ މިންގަނޑު މޮނިޓާ ކުރުން
  • ފަނޑިޔާރުންނަށް ޕްރޮމޯޝަން ލިބޭނެ ނިޒާމެއް ގާއިމް ކުރުން
  • ހުކުމް ތަންފީޒު ކުރުމުގެ ނިޒާމް ހަރުދަނާ ކުރުން
  • ކޭސް މެނޭޖްމަންޓްގެ ނިޒާމް ޒަމާނީ ކުރުން
  • ހުރިހާ ސިޓީތަކެއްގައި ސުޕީރިއާ ކޯޓްތައް ގާއިމް ކުރުން
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާ ކުރުން
  • އީ-ފައިލިން ނިޒާމެއް ގާއިމްކުރުން
  • މާލީ މިނިވަންކަމާއި، ޝަރުއީދާއިރާގެ ބަޖެޓްގެ ކޮންޓްރޯލް ހޯދުން
  • ކޮންޓިނިއުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިއުކޭޝަންއާއި ތަމްރީނުދޭ ނިޒާމް ހަރުދަނާ ކުރުން
  • އަހަރަކު 20 ގަޑި އިރުގެ އިން ސާވިސް ތަމްރީނުތަކެއް ފަނޑިޔާރުންނަށް ލާޒިމް ކުރުން
  • ޝަރުއީ އަދި ގާނޫނީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުން
  • ލީގަލް ޕްރޮފެޝަން ހަރުދަނާ ކުރުން
  • ލީގަލް އެއިޑްގެ ހަރުދަނާ ސްކީމްއަކާއި، ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމް ކުރުން

މިރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވި އެވެ.