ހަބަރު

"މަގުޗާޓް ތަންފީޒުކޮށްފިނަމަ ޖުޑިޝަރީގެ މިނިވަން ވާނެ"

ޝަރުއީ ދާއިރާ އިސްލާހު ކުރަން އެކުލަވާލައި މިރޭ އިފްތިތާހު ކުރި މަގުޗާޓު ތަންފީޒު ކުރެވިއްޖެ ނަމަ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާ އިސްލާހުކޮށް މިނިވަން ކުރާނެ މަގުޗާޓް ނެރެން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިދިއަ މަހު ބޭއްވި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، ފަނޑިޔާރުގެ އިސްލާހު ކުރުމާބެހޭ ކޮންފަރެންސަކީ ކުރިމަގު ބައްޓަން ކުރުމާއި ބެހޭގޮތުން ވަރަށް އިލްމީ އަދި ޝާމިލް ގޮތެއްގައި މަޝްވަރާތަކެއް ލިބިގެންދިޔަ ޕްލެޓްފޯމެއް ކަމަށެވެ. އެ ޕްލެޓްފޯމުން ލިބުނު ރެކޮމެންޑޭޝަންސްތަކާއެކު އެކުލަވާލާފައިވާ މަގުޗާޓަކީ ވަރަށް ބޮޑު ކާމީޔާބީއެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"މިރޭ މި އިފްތިތާހު މި ކުރެވުނީ ކޮންފަރެންސްގެ ރެޕަޓްއާގެ ރިޕޯޓްގައި ފާހަގަ ކުރެއްވި ރެކޮމެންޑޭޝަންސް ތަކާއި، އެ ރެކޮމެންޑޭޝަންސް ތަކުގެ މައްޗަށް އަޅުގަނޑުމެން އެކުލަވައިލި ޖުޑީޝަލް ރިފޯމްގެ ފަސް އަހަރުގެ ޕްލޭންގެ މަގުޗާޓް. މި މަގުޗާޓުން އަޅުގަނޑުމެންގެ މަސައްކަތުގައި ހާސިލް ކުރަން ކަނޑައަޅާ އެންމެ މުހިންމު ކަންކަމަކީ ކޮބައިކަން ސާފުވެގެން ދާނެ. ހާސިލް ކުރަން ކަނޑައެޅިފައިވާ މައިގަނޑު ލަނޑުދަނޑިތަކަކީ ކޮބައި ކަންވެސް އެނގިގެންދާނެ" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އިތުރަަށް އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް ޒަމާނީ އުސޫލުތަކާއި އެއްގޮތަށް ގާއިމްވިތާ 10 ވަރަކަށް އަހަރު ފާއިތުވެގެންދާއިރު، ޝަރުއީދާއިރާ ތަރައްގީކޮށް، އިސްލާހު ކުރަން ލިބޭ އެންމެ ފަހި އަދި އަގުހުރި ފުރުސަތަކީ މަގުޗާޓާއި އޭގެ މައްޗަށް ތަފްސީލުވެގެން އަންނަ ޖުޑީޝަލް ރިފޯމް ޕްލޭން ކަމަށެެވެ.

މިރޭ އިފްތިތާހު ކުރި މަގުޗާޓާއި އެކު ކޮންފަރެންސްގެ ރެކޮމެންޑޭޝަންތައް ލުއި ފޮތެއްގެ ގޮތުގައި އާންމު ކުރާނެ ކަމަށާއި، ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓުންގެ އެހީއާއެކު، ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭ ޖުޑީޝަލް ރިފޯމްގެ ފަސް އަހަރުގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރުވަނީ އެ ޕްލޭނަކީ ޝަރުއީ ދާއިރާގެ ތާރީހުގައި ވެސް އެކުލަވާލެވޭ އޭގެ އެންމެ ފުރަތަމަ ޕްލޭންކަން ފާހަގަ ކުރައްވާ، އެ ޕްލޭނަކީ ޒަމާނީ އަދި ހަރުދަނާ ފަނޑިޔާރު ގެއެއް ގާއިމް ކުރުމަށްޓަކައި ސަމާލުކަން ދޭން ޖެހޭ ހުރިހާކަމެއް ހިމެނޭ ގޮތަށް ޝާމިލް ގޮތެއްގައި އެކުލަވާލެވޭ ޕްލޭނެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވިދާޅުވެފަ އެވެ.